އަންނަ އަހަރަށް ސަރުކާރުން ހުށައެޅި 34.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ފާސްކޮށްފިއެވެ.
ބަޖެޓް ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓް ދީފައި ވާއިރު ވޯޓްގައި ބައިވެރި ނުވާ އެއްވެސް މެންބަރަކު ނެތެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓަށް ވަނީ 200 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ.
އެގޮތަށް އިތުރުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވަނީ ޖުމުލަ 34،922،716،599 (ތިރީސް ހަތަރު ބިލިއަން ނުވަސަތޭކަ ބާވީސް މިލިއަން ހަތްސަތޭކަ ސޯޅަހާސް ފަސްސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާއަށް އިތުރުވެފަ އެވެ.
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، ބަޖެޓް ތަންފީޒްކުރުމަށް 12 ހުށަހެޅުމެއްވެސް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.



