އިސްތިއުފާ ދޭކަން ނެތިން: ޒިދާން

ރެއަލްމެޑްރިޑްގެ ކޯޗުކަމުން އިސްތިޢުފާ ނުދޭނެކަމަށް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝަކްތަރު ޑޮނެސްކް އަތުް ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ، މިވަގުތަކީ ޓީމަށް ދަތިތަކަކާއި ދިމާވެފައިވާ ވަގުތެއްކަމަށާއި، ނަމަވެސް ހިތްވަރާއެކު ކުރިއަން ދާން މަސައްކަތްކުރަން ޖެހޭއިރު، ޓީމު އިތުރަށް ރަނގަޅު ކުރުމުގެ ޤާބިލުކަން ހުރިކަމަށާއި އެކަމަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރިކަމަށެވެ.

"އަހަރެން އިސްތިޢުފާއެއް ނުދޭނަން. ދުވަހަކުވެސް ނުދޭނަން." ޒިދާން ބުންޏެވެ.

ޔޫކްރެއިންގައި ރޭ ކުޅުނު މެޗުން ރެއަލްމެޑްރިޑް ދަށްވެފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ. މިސީޒަންގައި ޝަކްތަރާއި ދެކޮޅަށް ކުޅުނު ދެމެޗުންވެސް ރެއަލްމެޑްރިޑްވަނީ ބަލިވެފައެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި އެޓީމުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ރެއަލްމެޑްރިޑް ޙައިރާންކޮށްލުމަށްފަހު ޝަކްތަރުން ލީޑު ނަގާފައިވަނީ ރެއަލްމެޑްރިޑް ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. މެންޑީއަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވިގެން ގޯލް ކުރިމައްޗަށް މަޑުވި ބޯޅަ ޑެޓީނިއޯވަނީ ހުޝިޔާރުކަމާއެކު ރެއަލްމެޑްރިޑްގެ ގޯލް ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ ފަހު ދިހަ މިނަޓްގައި ޝަކްތަރުން ލީޑު އިތުރަށް ފުޅާކުރީ ސޮލޮމޮންގެ ހިތްގައިމު ލަނޑަކުންނެވެ. އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭރިއާތެރެއިން ސޮލޮމޮން ފޮނުވާލި ބާރު ހަމަލާ ގޯލްގެތެރެއަށް ވަދެގެންދިޔައީ ކީޕަރު ކޯޓުއާއަށް ދިފާޢުކުރާނެ ފުރުޞަތުވެސް ނުލިބެއެވެ.

ރޭގެ ބައްޔާއެކު ރެއަލްމެޑްރިޑަށް ގްރޫޕް ބީ ގެ ތިންވަނަ ލިބޭއިރު، މިގްރޫޕްގައި އޮތް ހަތަރު ޓީމަށްވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެގެން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުޞަތު އެބަ އޮތެވެ.

8 ޕޮއިންޓާއެކު އެއްވަނާގައި މޮންޗެންގްލަޑްބާޗް އޮތްއިރު ދެވަނާގައި ޝަކްތަރު އޮތީ 7 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ރެއަލްމެޑްރިޑަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ5 ޕޮއިންޓެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެއަލްމެޑްރިޑް، އެއްވަނާގައި އޮތް މޮންޗެންގްލަޑްބާޗާއި ދެކޮޅަށް ނުކުންނައިރު، އިންޓަރމިލާން ބައްދަލުކުރާނީ ދެވަނާގައި އޮތް ޝަކްތަރާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ