ރޭ އެތުލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކުން ހަދަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އައިސްފިއެވެ.
ސްޕެއިންގައި ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކަށް ބަޔާނުން ފުރުޞަތުދިން މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އެތުލެޓިކޯއިންނެވެ. މެޗުގެ 26 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޔާއޯ ފެލިކްސް ކާމިޔާބުކޮށްފައިވަނީ ލޮރެންޓޭގެ ހުރަހަކުންނެވެ.
އަދި މެޗު ނިމެން ހަތަރު މިނަޓަށްވެފައި ވަނިކޮށް ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ތޯމަސް މުލާއެވެ. މުލާ މިލަނޑު ޖަހާފައިވަނީ ެލިޕޭ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ. މުލާގެ މިލަނޑަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާނުކުރި 47 ވަނަ ލަނޑެވެ.
މިނަތީޖާއާއެކު ބަޔާން ހަދަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އައިސްފައިމިވަނީ 15 މޮޅަށް ފަހުގައެވެ.
Bayern Munich's Champions League winning run is over.
Will their record ever be broken?#AtletiFCB pic.twitter.com/7ONPKsH3Zw
— DW Sports (@dw_sports) December 1, 2020
މުބާރާތުގެ ދެވަނަ ބުރު ބަޔާނަށް ޔަޤީންވެފައިވާއިރު، އެތުލެޓިކޯއަށް މުބާރާތުގައި އިތުރަށް ކުރިއަށްދެވޭނީ ފަހު މެޗުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސަލްޒްބާގު އަތްދަށުވިޔަ ނުދީ ހިފަހައްޓާލެވިގެންނެވެ. ރެޑްބުލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ.
13 ޕޮއިންޓާއެކު ބަޔާން މިއުނިކް ގްރޫޕް އޭ ގެ އެއްވަނާގައި އޮތްއިރު އެތުލެޓިކޯ ދެވަނާގައި އޮތީ 6 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ސަލްޒްބާގަށް 4 ޕޮއިންޓް ލިބިފައިވާއިރު، 3 ޕޮއިންޓާއެކު ފުލުގައި އޮތީ ލޮކޮމޯޓިވްއެވެ.



