ލެބުގައި ތައްޔާރުކުރާ ކުކުޅުމަސް ބޭނުން ކުރުމުގެ ހުއްދަ ސިންގަޕޫރުން ދީފި

ކުކުޅު ފަދަ އެއްގަމު މަހުގެ ސެލް ބޭނުން ކޮށްގެން ލެބޯޓްރީގައި ތައްޔާރުކުރާ މަސް ކެއުންބުއިމުގައި ބޭނުން ކުރުމުގެ ހުއްދަ ސިންގަޕޫރުގެ ފުޑް އެޖެންސީ (އެސްއެފްއޭ) އިން ދީފިއެވެ.

އެސްއެފްއޭ އިން މިކަމުގެ ހުއްދަ ދީފައިވަނީ އެމެރިކާގެ ސެންފުރެންސިސްކޯގެ ސުޓާޓަޕެއް ކަމަށްވާ "އީޓު ޖަސްޓް" އަށެވެ. ލެބްގައި ތައްޔާރުކުރާ މިމަސް އެ ކުންފުނިން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ނަގެޓްސް ގައި އިންގުރިޑިއެންޓެއްގެ ގޮތުގައެވެ.

މިމަސް ބޭނުން ކޮށްގެން ތައްޔާރުކުރާ ނަގެޓްސް ސިންގަޕޫރުގެ މާކެޓަށް ނެރޭނެ ވަކި ތާރީހެއް އީޓު ޖަސްޓް އިން އަދި ހާމަކޮށްފައި ނުވާއިރު އެ ކުންފުނިން ބުނީ، މި ހުއްދައިގެ ސަބަބުން މިމަސައްކަތަށް އިތުރު ކުންފުނިތައް ނިކުތުމަށް މަގުފަހިވާނެ ކަމަށާއި ލެބުގައި ތައްޔާރުކުރާ މަހަކީ ކެއުމަށް ރައްކާތެރި މަހެއް ކަމަށެވެ.

ޖަނަވާރުގެ ހައްގުގައާއި، ތިމާވެށީގެ ހައްގުގައާއި، އަދި ސިއްހީ ސަބަބުތަކާހުރެ ޒަމާނުންސުރެ ކިއުމުގައި ބޭނުން ކުރަމުން އަންނަ ރޯމަހުގެ ބާވަތްތަކުގެ ބަދަލުގައި އެހެން ބާވަތެއް ބޭނުން ކުރުމުގެ ޑިމާންޑް ނުވަތަ ބޭނުންތެރިކަން މިފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބާރކްލޭސްގެ އަންދާސީހިސާބު ދައްކާގޮތުން މިފަދަ މަހުގެ ބާވަތްތަކުގެ މާކެޓުގެ ކުރިއަށް އޮތްތާ 140 ބިލިއަން ޑޮލަރަށް އަރާނެއެވެ.

ދުނިޔޭގެ މަހުގެ އިންޑަސްޓްރީއަކީ އަގުބޮޑު އިންޑަސްޓްރީއެކެވެ. މިގޮތުން މުޅި ދުނިޔޭގެ މަހުގެ އިންޑަސްޓްރީގެ އަގަކީ 1.4 ޓްރިލިއަން ޑޮލަރެވެ. އީޓު ޖަސްޓް އިން ބުނީ އެމީހުންގެ އުފެއްދުމުގެ ސަބަބުން މުޅި ދުނިޔޭގެ ކާބޯތަކެތީގެ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ