ސިންގަޕޫރަކީ މުޅި ދުނިޔޭގައިވެސް އެންމެ ކުށްކުރުން މަދު އެއްގައުމެވެ. ސިންގަޕޫރުގައި ކުށްކުރުން މަދުކުރުމަށް ކުށްކުރާ ފަރާތްތަކަށް ދިނުމަށް ހަރުކަށި އަދަބުތައް ކަނޑައަޅައިފައި ވެއެވެ. ކަންމިހެން ހުރިނަމަވެސް ރިވަރ ވެލީ ހައިސުކޫލުގައި އިއްޔެވަނީ ދަރިވަރަކު މަރާލައިފައެވެ.
އުމުރުން 13 އަހަރުގެ މި ދަރިވަރު މަރާލައިފައި އޮއްވާ ފެނިފައިވަނީ އެ ހައިސުކޫލުގެ ފާހާނާތެރޭގައެވެ. މި މަރުގެ ހާދިސާއާއި ގުޅިގެން މުޅި އެ ސުކޫލު ބަންދުކޮށް ހިނގުން ތަހުގީގުން މިހާތަނަށްވަނީ އުމުރުން 16 އަހަރުގެ ފިރެހެން ކުއްޖަކާއި ފުރޯއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މައުލޫމާތު ލިބޭގޮތުގައި ހައްޔަރުކުރެވުނު 16 އަހަރުގެ ފިރެހެން ކުއްޖަކީވެސް ރިވަރ ވެލީ ހައިސުކޫލުގެ ދަރިވަރެކެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 11:40 ހާއިރު ކަމަށާއި ފުލުހުން އެ ސުކޫލަށް ދިޔައިރުވެސް 13 އަހަރުގެ ދަރިވަރު މަރުވެފައިވާ ކަމަށެވެ. މިހާތަނަށް ހޯދިހޯދުމުން 16 އަހަރުގެ ދަރިވަރާއި 13 އަހަރުގެ ދަރިވަރަކީ އެއްވެސް ވަރަކަށް އެކަކު އަނެއްކަކު ދައްނަ ދެދަރިވަރުން ކަމަކަށް ނުވެއެވެ.
މަރާލުމުގެ އަމަލު ހިނގިކަމަށް ތުހުމަތުކުރެވޭ ދަރިވަރު މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު، މި ދަރިވަރާއި ދެކޮޅަށް އުފުލައިފައިވާ ދައުވާއަކީ މީހަކު މަރާލުމުގެ ދައުވާއެވެ. ސިންގަޕޫރުގައި މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ މެރުމެވެ. ނަމަވެސް، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމުން މަރަށް މަރު ހިފުމުގެ ބަދަލުގައި އިއްވާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
ވަކީލުން އައްނަނީ ނަފްސާނީ ފަރުވާދޭ ހާއްސަ މަރުކަޒަކަށް މަރުގެ އަމަލު ހިނގި ކުއްޖާ ބަދަލުކުރުމަށް ގާޒީގެ ކިބައިން އެދެމުންނެވެ. ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ކޮށްފައިވާގޮތުގައި މިކުއްޖާއަކީ މީގެކުރިން އަމިއްލައަށް މަރުވަން އުޅުނު މައްސަލައަކާއި ގުޅިގެން ނަފްސާނީ ފަރުވާ ހޯދައިފައިވާ ކުއްޖެކެވެ. ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން މިހާދިސާގައި ހިމެނޭ ދެކުދިންނަކީވެސް 18 އަހަރުން ދަށުގެ ދެކުދިން ކަމަށް ވާތީވެ މި ދެކުދިންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.