ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫ.އާރް.އޭ.) އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ އެޑެލް ޓަން ޝިއާއޯ ލިންގްއާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) ސިއާ ޓްޒޭ މިންގްއެވެ. ޒިޔާރަތުގައި ރައީސާއެކު ވަޑައިގެންނެވި ވަފުދަށް ވަނީ ސިންގަޕޫރުގެ ދުރުރާސްތާގެ އާބަން ޕްލޭނިންގ އާ ބެހޭ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.
މި ޕްރެޒެންޓޭޝަނުގައި އަލިއަޅުވާލާފައިވަނީ ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭހައަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކުރުމަށް ގެންގުޅޭ ޕޮލިސީތަކާއި ރޭވުންތަކުގެ މައްޗަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ.
ޕްރެޒެންޓޭޝަނަށްފަހު ބޭއްވުނު ސުވާލާއި ޖަވާބު ސެޝަނުގައި މަޝްވަރާކުރެވުނީ ސިންގަޕޫރު ސަރުކާރުން ހިންގާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި އާންމުންގެ ބައިވެރިވުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށްވެސް ޒިޔާރަތްކުރައްވާ، ސިންގަޕޫރުގެ އާބަން ޕްލޭނިންގގެ އެކި މަރުހަލާތަކާއި، ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި ގޮންޖެހުންތަކާއި އޭގެ ހައްލުތައް ދެނެވަޑައިގަތުމަށް މަސައްކަތްކުރައްވާފައެވެ. ޔޫ.އާރް.އޭ. އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކުރެވިފައިވާ މުއައްސަސާއެކެވެ.