"ޝުބާއަކީ އެންމެން ތި ހީކުރާހާ މާތް މީހެއް ނޫން." ޖީޒާގެ އަޑުގައި އެއްވެސް ޖެހިލުމެއް ނުވެއެވެ. އެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
"އޭނާގެ ފަތިފުށް އެނގޭނަމަ އެކަކުވެސް އޭނާގެ ދިފާޢުގަ މިއަދު ނޫޅުނީސް." އަނެއްކާވެސް ޖީޒާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.
"އެއީ ކީއްވެ؟" އިތުރަށް އޮޅުންފިލުވުމަށްޓަކައި ޚާލިދު ސުވާލުކޮށްލިއެވެ. މި ލިބުނު މަޢުލޫމާތު މުޅިން އަލެވެ. މިހާތަނަށް އެންމެންވެސް ދެއްކީ ޝުބާގެ ރަނގަޅު ވާހަކައެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ވާހަކަ ބުނީ ޒާޔާކަން. އެހެންވިއްޔާ ޒާޔާ ކައިރިން އަހާލަދެއްވަފާނަންތޯ ޢާދިލް އެއީ ކާކުތޯ؟ އަދި ޝުބާއާ ޢާދިލްއާ އޮންނަނީ ކޮން ގުޅުމެއްތޯ؟ އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ހަމަ ޒާޔާއަށް." ޖީޒާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.
އެހިސާބަށް ވާހަކަ ދިޔަ ވަގުތު ޖީޒާއަށް ފޯނެއް އަންނަން ފެށިއެވެ. އެހެންކަމުން އޭނާ ފޯނު ނެގުމުގެ ހުއްދައަށް އެދުނެވެ. އިރުކޮޅަކު ފޯނުން ވާހަކަ ދެއްކުމަށްފަހު ޖީޒާ ފޯނު ބޭއްވިއެވެ. އަދި އަވަސްއަރުވާލާފައި އިށީނދެ އިން ގޮނޑިން ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ.
"އަޅުގަނޑު ވަރަށް އަވަހަށް ދާން ޖެހިއްޖެ. އަޅުގަނޑުގެ ކުޑަ ދަރިފުޅު ވެއްޓި ބޯ ފަޅައިގެން ގޮސްގެން ގެއިން އެ ގުޅީ." އަވަސްއަރުވާލާފައި ޖީޒާ ބުންޏެވެ. ޖީޒާގެ މޫނުމަތިން ހާމަވާން ހުރި ނުތަނަވަސްކަން ފެނި ޚާލިދު ޖީޒާ ނުހިފަހައްޓާ ދިޔުމުގެ ހުއްދަ ދިނެވެ.
ދުވަހުގެ އިރުއޮއްސިފައި ހުރުމާއެކު ބަޔާން ނެގުމަށްޓަކައި ދެން އިތުރު މީހަކު ހާޒިރުނުކުރުމަށް ޚާލިދު ނިންމިއެވެ. ޖީޒާ ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ޚާލިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު ކޮމްޕިއުޓަރު ހުޅުވާލާ މިހާތަނަށް ހުރިހާ އެންމެން ދީފައިވާ ބަޔާންތައް ނޯޓުކޮށްފައިވާ ފައިލު ހުޅުވާލިއެވެ. އަދި ބަޔާންތައް ވަކިވަކިން ކިޔަންފެށިއެވެ. މީގެ ކުރިން ޝުބާގެ ޢާއިލާގެ މީހަކުވެސް އަދި ފިރިމީހާއާއި ފިރިމީހާގެ ޢާއިލާގެ މީހަކުވެސް ޢާދިލްއެއްގެ ވާހަކަ ބުނެފައެއް ނެތެވެ. ކޭސްއާ ގުޅުން ހުރި މީހުން ގިނަވަމުންދާނަމަ ޙައްލުކުރަން އުނދަގޫވާނެއެވެ. އަދި ކަމުގެ އަސްލަށް ވާސިލުވާން ގިނަ ވަގުތުތަކެއްވެސް ހޭދަވާނެއެވެ. ނަމަވެސް މިއީ މީހެއްގެ ފުރާނަޔާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މައްސަލަ އަވަހަށް ނިންމުމަށްޓަކައި ކަމަކަށް ކަމެއް ކުރާ އުސޫލުން ކަންކަން ކުރާކަށް ޚާލިދު ބޭނުމެއް ނޫނެވެ. އެއީ އޭނާގެ އުސޫލެއްވެސް ނޫނެވެ. އެހެންކަމުން ޖެހިގެން އަންނަ ދުވަހު އެންމެ ފުރަތަމަ ކަމަކަށް އަނެއްކާވެސް ޒާޔާ ގެނަސް ސުވާލުކުރުމަށް ޚާލިދު ނިންމިއެވެ.
ޖެހިގެން އައި ދުވަހު ޚާލިދަށް ހޭލެވުނީ ފޯނެއް އަންނަ އަޑަށެވެ. އޭރު ގަޑިން ފަތިހު ފަސްގަޑި ތިރީހެވެ. ރަނގަޅަށް ބިންމަތިވެސް އަލި ނުވެއެވެ. ދެލޯ އުނގުޅާލުމަށްފަހު އޭނާ ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޒާހިދާގެ ނަންބަރުންނެވެ. އެވަގުތު ކުއްލިއަކަށް ޚާލިދުގެ ނިދިވެސް ފިލައިގެން ދިޔައެވެ. ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ނޫނީ އެގަޑީގައި ޒާހިދާ ނުގުޅާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ. ފޯނުގައި އިރުކޮޅަކު އިނުމަށްފަހު ޚާލިދު އަވަސް އަވަހަށް އެނދުން ފައިބައިގެން ގޮސް ފާޚާނާއަށް ވަނެވެ. އަދި ހަމަ އެހާމެ އަވަހަށް ނުކުމެ ގަމީހަކާއި ފަޓުލޫނެއް ލައިގެން ގެއިން ނުކުތެވެ. ދިޔަ މަގުމަތީގައި މިސްކިތަށްވަދެ ނަމާދުކޮށްލައިގެން އޭނާ ޒާހިދާމެންގެ ގެއާ ހަމައަށް ދިޔައިރު ޒާހިދާ ހުރީ ގޭ ދޮރުމައްޗަށް ނުކުމެ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޚާލިދު އައިސް ކައިރިއަށް ހުއްޓިލުމާއެކު ޒާހިދާ ވާހަކަ ތަކެއް ދައްކަންފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ޚާލިދުވެސް ޒާހިދާއާ ބައެއް ސުވާލުކުރިއެވެ. އިރުކޮޅަކު ވާހަކަތަކެއް ދެއްކުމަށްފަހު ޒާހިދާ އަތުގައި އޮތް އެއްޗެއް ޚާލިދުގެ އަތަށް ދިނެވެ.
ޒާހިދާ އެތެރެއަށް ވަނުމުން ޚާލިދު އަތުގައި އޮތް އެތި ފަޓުލޫނު ޖީބަށްލިއެވެ. އެއަށްފަހު މިސްރާބު ޖެހީ އޭނާ ހުންނަ ގެއާ ދިމާއަށެވެ. ގެއަށް ދިޔަ މަގުމަތީގައި ދުވަހުގެ ޕްލޭން އޭނާ ބޮލު ތެރޭގައި ރާވާލިއެވެ.
ހެނދުނު އަށެއް ޖެހިއިރު ޚާލިދު އިނީ އޮފީހުގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ. އޭރު ކުރިމަތީގައި ގަނޑުތަކެއް ބަހައްޓާފައި ހުއްޓެވެ. އޭނާ އެ ގަނޑުތަކުން އެއްޗެއް ހޯދަމުން ދަނިކޮށް ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެއައީ ކާކުކަން އެނގޭތީ އެތެރެއަށް ވަނުމަށް އޭނާ ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި ވަނީ ޒާޔާއެވެ. ޒާޔާ ވަނުމާއެކު ޚާލިދު ކުރަން އިން މަސައްކަތް ހުއްޓާލާފައި ޒާޔާއަށް ސަމާލުކަން ހުއްޓާލިއެވެ.
"އަޅުގަނޑު އިއްޔަ ޖީޒާއާ ވާހަކަ ދައްކާލިން. ޖީޒާ ބުނި ޢާދިލްއެއްގެ ވާހަކަ. އެއީ ކާކުތޯ؟" ޒާޔާ އިށީނދެ ގޮނޑީގައި ހަމަޖެހިލުމާއެކު ޚާލިދު ފުރަތަމަ ސުވާލު އަމާޒުކޮށްލިއެވެ. އޭނާ އިނީ ޒާޔާގެ މޫނުމައްޗަށް އަރާ ކުލަތަކަށް ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ޢާދިލްގެ ނަން އަޑު އިވުމާއެކު ޒާޔާއަށް ސިހުން ލިބުނުކަން ޚާލިދު ވަގުތުން ނަގައިގަތެވެ.
"އެއީ..... ޝުބާގެ އޮފީހުގައި އުޅޭ މީހެއް." ޖެހިލުންވެފައި އިނދެ ޒާޔާ ޖަވާބުދިނެވެ.
"ޝުބާއާ ޢާދިލްއާ އޮތީ ކޮން ގުޅުމެއްތޯ؟" ދެވަނަ ސުވާލުވެސް ޚާލިދު ދޫކޮށްލީ ހުޝިޔާރުވެ އިނދެއެވެ.
"ހަމަ... އޮފީސް އެހެން މީހުންނާވެސް އޮންނަ ގުޅުން." ޒާޔާގެ އަޑުގައި ފަސް ޖެހުން އެކުލެވިގެންވިއެވެ. އެހެންކަމުން އޭނާ ކޮންމެވެސް ކަމެއް ފޮރުވާކަން ޚާލިދަށް ޔަޤީންވިއެވެ.
(ނުނިމޭ)



