އަންނަ ސީޒަންގައި މެސީއާ އެއްޓީމަކަށް ކުޅެން ބޭނުންވޭ: ނޭމާ

އަންނަ ސީޒަންގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއްޓީމަކަށް ކުޅެން ބޭނުންވާކަމަށް ޕީއެސްޖީގެ ތަރި ނޭމާ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނޭމާ ބުނީ، އެންމެ ބޭނުންވަނީ މެސީއާއެކު އެއްޓީމަކަށް ކުޅެންކަމަށާއި، އަންނަ ސީޒަންގައި އެކަން ކުރަން ޖެހޭކަމަށެވެ.

މިސީޒަން ނިމުމަށްފަހު މެސީ ބާސެލޯނާގައި މަޑުކުރާނެކަމެއް އަދި ޔަޤީން ނުވާއިރު، ނޭމާ މެސީއާއެކު ކުޅެން ބޭނުންވާ ޓީމެއް ބުނެފައެއް ނުވެއެވެ. ހަމައެކަނި ބުނީ އެއްޓީމަކަށް ކުޅެން ބޭނުންވާކަމަށެވެ.

މެންޗެސްޓާރ ސިޓީއިން މެސީ ހޯދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ފެންމަތިވެފައިވާ މިދަނޑިވަޅުގައި މެސީއާއެކު ނޭމާވެސް ސިޓީއަށް ބަދަލުވުމަކީ ހަމަ ފަހަރުގައި ވެދާނެކަމެކެވެ. އެހެންނަމަވެސް މަޝްރަޙަށް އަންނަމުންދާ ބަދަލުތައް އަންނަ ސީޒަން ކައިރިވިވަރަކަށް ހާމަވަމުންދާނެއެވެ.

މިދިޔަ ހޫނު މޫސުމުގައި ނޭމާ ގެންނަން ބާސެލޯނާއިން ވަރަށް މަސައްކަތްކޮށްފައިވާއިރު، ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ޕީއެސްޖީއިންވަނީ ޤަބޫލުނުކޮށްފައެވެ. ނޭމާގެ އަގެއްކަމަށް މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ލިއަނާޑޯ ބުނެފައިވަނީ 222 މިލިއަން ޔޫރޯކަމަށެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

އޯލްޑްޓްރެފޯޑުގައި ރޭ ކުޅުނު މެޗު 1-3 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު، ނޭމާވަނީ ޕީއެސްޖީއަށް ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ރޭގައި ޖެހި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ނޭމާ ކާމިޔާބުކުރި ލަނޑުގެ އަދަދުވަނީ 38 ކަށް އަރާފައިވާއިރު، ރޭގެމޮޅާއެކު ޕީއެސްޖީންވަނީ ގްރޫޕް އެޗްގެ އެއްވަނައަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ