ޔުނައިޓެޑް ބަލިކޮށް ޕީއެސްޖީން އުންމީދު އާކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޕީއެސްޖީއިން މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ އުންމީދު އާކޮށްފިއެވެ.

އޯލްޑްޓްރެފޯޑުގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާ އަކުންނެވެ. މިމޮޅާއެކު ޕީއެސްޖީއިންވަނީ ގްރޫޕްގެ އެއްވަނާގައި އޮތް މެންޗެސްޓާރ ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. މިދެޓީމަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި ލެއިޕްޒިގްވެސް އޮތީ 9 ޕޮއިންޓާއެކުގައެވެ.

އެހެންކަމުން ދެވަނަ ބުރަށް ދާނެ ދެޓީމެއް ޔަޤީންވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ޕީއެސްޖީއިންނެވެ. މެޗުގެ 6 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މެޗުގެ 32 ވަނަ މިނަޓްގައި ރަޝްފޯޑު ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ރަޝްފޯޑުގެ މިލަނޑަކީ ޕީއެސްޖީގެ އޭރިއާގެ ރޮނގުމަތިން ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ މިޑްފީލްޑަރު ޕެރެއިރާގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލްގެ ތެރެއަށް ވަތް ލަނޑެކެވެ. ރަޝްފޯޑު ހަމަލާ ފޮނުވާލި ވަގުތު ކީޕަރު ނަވާސް ޑައިބްކުރި ނަމަވެސް ޕެރެއިރާގެ ފައިގައި ޖެހި ބޯޅަ ވަނީ ޑައިބްކުރި ފަރާތް ނޫން އަނެއް ފަރާތަށެވެ. އަދި އިތުރު ލަނޑެއް ނުފެނި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެއްޓުމާއެކު ލީޑު ނަގަން ޔުނައިޓެޑަށް ލިބުނު ރަނުގެ ފުރުޞަތުގައި އޭރިއާތެރޭ ހުހަށްހުރި މާޝިއާލް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ގޯލްގެ މަތިންނެވެ. މީގެއިތުރުން ކައުންޓަރ އެޓޭކެއްގައި އޭރިއާގެ ބޭރުން ކީޕަރު ނަވާސް ބޯމަތިން ގޯލާއި އަމާޒުކޮށް ކަވާނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދަނޑިއާއެވެ. ޕީއެސްޖީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 69 ވަނަ މިނަޓްގައި މާކީނިއޯސް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތު ނޭމާވަނީ އިތުރު ލަނޑެއްޖަހައި ޕީއެސްޖީއަށް މެޗު ޔަޤީންކޮށްދީފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕީއެސްޖީއިން އިސްތަންބުލް ބަސަކްޝީރްއާއި ދެކޮޅަށް ނުކުންނައިރު ޔުނައިޓުން ކުޅެން ޖެހޭނީ ތިންވަނާގައި އޮތް ލެއިޕްޒިގާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ