އިންތިޒާރުކުރެވުނު މެސީގެ ފުރިހަމަ ލަނޑު!

ޕީއެސްޖީއަށް ލިއޮނަލް މެސީ ބަދަލުވުމަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާ ބައްދަލުކުރު މެޗުގައި ޕީއެސްޖީގެ ޖޯޒީގައި މެސީ ޖެހި ފުރަތަމަ ގޯލާއެކު  2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ލިއޮނަލް މެސީ ބަދަލުވުމަށްފަހު ކާމިޔާބުކުރި މި ގޯލަކީ މެސީގެ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އައި ވަގުތުކޮޅެކެވެ. މެސީ ޕީއެސްޖީއަށް ފުރަތަމަ ލަނޑު މި ޖެހީ މިހާތަނަށް އޭނާ ޕީއެސްޖީއަށް ކުޅެދިން ހަތަރުވަނަ މެޗުގައެވެ.

މެސީގެ ފުރަތަމަ ޕީއެސްޖީ ގޯލު ރޭ ކާމިޔާބުކުރީި މި މެޗުގެ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި، ޕެނަލްޓީ އޭރިއާ ކައިރީގައި ހުރި ކިލިއަން އެމްބާޕޭ އަށް ޖައްސާލި ބޯޅަ، އަނބުރާ މެސީއަށް ދިން ރީތި ޕާސްއަކާއެކު ބޯޅަ ހޯދުމަށްފަހު ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.

މެސީގެ މި ގޯލަކީ މެޗުގެ ދެވަނަ ގޯލެކެވެ. ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު އިދްރީސާ ގާނާ އެވެ. މި ގޯލަކީ ނޭމާ ދިން ޕާހަކުން  މެޗުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުގައި ސިޓީއަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އަދި މެޗުގެ ފުރަތަމަ ފަސްމިނެޓުގައި މޮޅު ކުޅުމެއް ދެއްކީވެސް ސިޓީއެވެ. ނަމަވެސް ސިޓީއިން ގޯލަށް އަމާޒުކުރި ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ގޯލްކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ޕީއެސްޖީ އާއި ސިޓީ ރޭ ބައްދަލުކުރި މި މެޗަކީ ގުރޫޕް އޭގެ "އޮއިލް ކްލެސިކޯ"ގެ ގޮތުގައި މަޝްހޫރު ވެފައިވާ މެޗެކެވެ. އެއީ މި ދެ ޓީމަކީ މެދުއިރުމަތީގެ ދެ މަހުޖަނުން ހިންގާ މި ދެ ޓީމުގެ ކުރިމަތިލުމަކަށްވާތީވެ، ސަޕޯޓަރުން ކިޔާ އުޅޭ ވަނަމެކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އާރުބީ ލިޕްޒިގް އާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކުލަބް ބްރޫޖް އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ