ކަނޑުހުޅުދޫން ރައްޔިތުން ނިކުމެ ހޯދި 10 ވަގުންގެ ތެރެއިން 9 މީހަކު ފުލުހުން ދޫކޮށްލައިފިއެވެ.
ރޭ އެރަށުން ވައްކަންކުރިކަމަށް ޝައްކުކުރެވިގެން އެރަށުގެ ރައްޔިތުން ނިކުމެ ހައްޔަރު ކުރި 10 މީހުން ރޭ ދަންވަރު 3:30 ހާއިރު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. ފުލުހުންނާ ހަވާލު ކުރި މީހުންގެ ތެެރެއިން 9 މީހުން ދޫކޮށްލާ އެކަކުވަނީ ވިލިގިލީ ޕޮލިސް ސްޓޭޝަންއަށް ގެންގޮސްފައެވެ.
އެރަށުން ރޭ ވައްކަން ކުރި އެއްޗެހީގެ ތެރޭގައި ކުރުބާ ތަކާއި ކާށިތަކެއްވެސް ހިމެނޭއިރު އެރަށުގެ ގެޔަކުންވަނީ 4 ފޯންވެސް ވަގަށް ނަގާފައެވެ. އެރަށުން ވަގުން ވަގަށް ނަގައިގެން ވިއްކި ކާށިތައް އެރަށު މީހުންވަނީ ގަތް މީހާ އަތުން ނަގައިގެން މޫދަށް އަޅާލާފައެވެ.
އެރަށުގެ ބައެއް ގެތަކުން ރޭ ވައްކަން ކުރިކަން ކައުންސިލްގެ ބޭފުޅަކުވެސްވަނީ ކަށަވަރުކޮށްދީފައެވެ. އެރަށުގެ ގޭތަކުން ވައްކަންކޮށްފައިވާކަން އެނގުނީ ރަށުގެ ރައްޔިތުން ރޭ ޢީދު ކުޅިވަރު ނިންމާފައި ގެއަށް ދިޔަ ފަހުންނެވެ.