އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސުއަރޭޒް ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ.
ބުރާސްފަތިދުވަހު ނެގި ސުއަރޭޒްގެ ޓެސްޓް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާއިރު، މިއަދުން ފެށިގެން އެެތުލެޓިކޯގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ސުއަރޭޒްވަނީ ފަށާފައެވެ. ކޮވިޑް-19 ޖެހިގެން އުމުރުން 33 އަހަރު ސުއަރޭޒް ދެ ހަފްތާ ވަންދެންވަނީ ކަރަންޓީނުކޮށްފައެވެ. މިދުވަސްތަކުގައި ނެގި ޓެސްޓްތަކުގެ ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެން ޓީމާއި ގުޅުމުގެ ފުރުޞަތު ލިބިފައިނުވާ ސުއަރޭޒްވަނީ އެކަހަރިކޮށް ފަރިތަކުރުންތައް ކުރިއަށް ގެން ގޮސްފައެވެ.
ސުއަރޭޒް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިންޓަރނޭޝަނަލް ބްރޭކްގައެވެ. އޭގެ ފަހުން އެތުލެޓިކޯގެ މުހިންމު ގިނަ މެޗުތައް ސުއަރޭޒަށްވަނީ ގެއްލިފައެވެ. އޭގެތެރޭގައި ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗާއި ޗެމްޕިއަންސް ލީގުގައި ލޮކޮމޯޓިވް މޮސްކޯއާއި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗު ހިމެނެއެވެ.
Welcome back, @LuisSuarez9! ????
????⚪ #AúpaAtleti pic.twitter.com/xT1elTLVVU
— Atlético de Madrid (@atletienglish) December 4, 2020
ބާސެލޯނާ ދޫކޮށް ވާދަވެރި އެތުލެޓިކޯ މެޑްރިޑާއި ސުއަރޭޒް ގުޅުނީ މިއަހަރުގެ ސެޕްޓެމްބަރު 25 ގައެވެ. އެތުލެޓިކޯއާއިއެކު ސުއަރޭޒް ހަދާފައިވަނީ ދެއަހަރުގެ އެއްބަސްވުމެކެވެ. އެތުލެޓިކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ސުއަރޭޒްވަނީ ދެ ލަނޑުޖަހައި އެއް އެސިސްޓްވެސް ހަދާފައެވެ. ކުރިން އަޔަކްސް އާއި ލިވަޕޫލަށް ކުޅުނު ސުއަރޭޒް ވަނީ 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ޓީމާ އެކު 13 މުބާރާތް ކާމިޔާބުކޮށްފަ އެވެ.




