ކާރބަން މޮނޮކްސައިޑް ގޭސް ލީކުވެ ޗައިނާގެ ބޯޑުދެލިނަގާ މައިނެއްގައި 18 މީހުން މަރުވެ ފަސް މީހުން ގެއްލިއްޖެއެވެ.
މި މައިނު އެކްސިޑެންޓު ހިނގައިފައިވަނީ ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައެވެ. މިހާތަނަށް މި މައިނުން ސަލާމަތް ކުރެވިފައިވަނީ އެކަކުކަމަށް ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ހުކުރު ދުވަހު ހިނގި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ތަހުގީގެއް ފަށައިފައިވާއިރު ޗައިނާގެ މައިންތަކުގައި މިފަދަ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
ޗައިނާގެ ސީސީޓީވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މައިނުތެރޭ ގޭސް ލީކުވެފައިވަނީ މައިނުގައިވާ ބަޔެއް އާލާތްތައް ރޫޅާލުމުގެ މަސައްކަތް މައިނުގެ މަސައްކަތުމީހުން ކުރަމުން ދަނިކޮށެވެ. ފާއިތުވެދިޔަ ދެމަހު މި މައިން ހުރީ ބަންދުކޮށްފައެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ހިނގި މިފަދަ ހާދިސާއެއްގައި މައިނެއްގައި މަސައްކަތްކުރާ 16 މީހުން ޗައިނާގައި މަރުވެފައި ވެއެވެ. އަދި މިދިއަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭ މައިނެއްގެތެރޭ ގޮވި ގޮވުމެއްގެ ސަބަބުން 14 މީހުން މަރުވެފައި ވެއެވެ.




