މިސީޒަންގައި އަލަށް ޕްރޮމޯޓްވި ކާޑިޒްއިން ބާސެލޯނާވެސް ބަލިކޮށްފިއެވެ.
ސްޕެނިޝް ލަލީގާ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް ކާޑިޒްއިން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާގެ އިތުރުން ވަރުގަދަ ރެއަލްމެޑްރިޑްވެސް މިސީޒަންގައި ކާޑިޒްއިންވަނީ ބަލިކޮށްފަައެވެ. އަދި މިއީ 1991 ގެ ފަހުން ސްޕެނިޝް ލަލީގާގައި ފުރަތަމަ ފަހަރަށް ކާޑިޒްއިން ވަރުގަދަ ބާސެލޯނާ ބަލިކުރި ފުރަތަމަ ފަހަރެވެ.
އެންމެފަހުން 1991 ވަނަ އަހަރު ކާޑިޒްއިން ބާސެލޯނާ ބަލިކުރިއިރު، މިހާރުގެ ކޯޗު ކޫމަންއަކީ ބާސެލޯނާގެ ކުޅުންތެރިއެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާޑިޒްއިން ޖަހާފައިވާއިރު މެޗުގެ 8 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ގިމެނޭޒް ޖަހާފައިވަނީ ކޯނަރެއްގައި ހުރަސްވި ބޯޅައެއް ބާސެލޯނާގެ ޑިފެންޑަރު މިންގުއެޒާ ކީޕަރު ޖެއްސި ވަގުތު ކީޕަރަށް ރަނގަޅަށް ދިފާޢުނުކުރެވިގެން ގޯލްގެ ރޮނގުމައްޗަށް ބޯޅަ ހުރަސްވި ވަގުތުއެވެ.
FT #CadizBarça 2-1
First home win since 2006 for @Cadiz_CFEN in #LaLigaSantander... and WHAT A WIN! ????????#LiveResults pic.twitter.com/5bMsYMVAew
— LaLiga English (@LaLigaEN) December 5, 2020
ދެވަނަ ހާފުގައި ބާސެލޯނާއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ޖޯޑީ އަލްބާގެ ހުރަހެއް ކާޑިޒްގެ ކުޅުންތެރިއެއްގައި ފައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މިލަނޑަށްފަހު ބާސެލޯނާގެ ހަމަލާތައް އިތުރަށް ވަރުގަދަކުރި ނަމަވެސް ބާސެލޯނާގެ ފަހަތުގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާޑިޒްއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އަރިމަތިން އެއްލި ބޯޅައެއް ޑިފެންޑަރު ލެންގްލެޓަށް ކޮންޓްރޯނުވެ ގޮސް ކީޕަރު ސްޓެގަންއަށް ލިބުމުގެކުރިން ބޯޅަ ހޯދުމަށްފަހު ނެގްރޭޑޯ މިލަނޑު ކާމިޔާބުކޮށްފައިވަނީ ހުހަށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިބައްޔާއެކު ބާސެލޯނާއިން އޮތީ ތާވަލްގެ 7 ވަނާގައެވެ. 10 މެޗުން ބާސެލޯނާއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. މިއީ 1987-88 ގެ ސީޒަނަށްފަހު މިހާ ދަށްކޮށް ބާސެލޯނާއިން ސީޒަން ފެށި ފުރަތަމަ ފަހަރެވެ.




