ވެންޓިލޭޓަރުގެ މައްސަލާގައި ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރ ހޯދުމަށް ޔޫއޭއީގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏަކާ ހަވާލުކުރި މައްސަލާގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހުރިކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމެޓީން އެކުލަވާލި ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އަމީން އޭސީސީއަށް ދީފައިވާ މަޢުލޫމާތާއި ކޮމެޓީގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި މެންބަރުންގެ ސުވާލުތަކަށް ދެއްވި ޖަވާބު ތަފާތުކަމަށެވެ.
ކޮމެޓީން ކުރީގެ މިނިސްޓަރ އަމީން އިތުރުފުޅު ހައްދަވާފައިވާކަމަށް ނިންމާފައިވާއިރު، އޭނާ ވަނީ ވެންޓިލޭޓަރު މައްސަލާގައި އަމިއްލައަށް މަސްޢޫލިއްޔަތުން އެކަހެރިވެވަޑައިގެން ހުންނެވުމަށްފަހު އަމިއްލަ ފުޅަށް މަޤާމުން އިސްތިޢުފާދެއްވާފައެވެ.
އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވާފައިވާ މަޢުލޫމާތުގައި ވާގޮތުން ވެންޓިލޭޓަރު ގެނައުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ޑަބްލިޔުއެޗްއޯ މެދުވެރިވެ މަޢުލޫމާތު ހޯދައިގެންކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވަނީ އެކުންފުންޏަށް ވެންޓިލޭޓަރު ގެނައުން ހަވާލުކޮށްފައި ވަނީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ނޫންކަމަށެވެ.
އަމީން މަޖިލީހުގައި ދެއްކެވި ވާހަކަ ފުޅުގެ ހެކިވެސް އޭރު ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.