ފޮޓޯ: މަޖިލިސް ގެލެރީ

މިނިސްޓަރ އަމީންއާއެކު ވުޒާރާއަށް ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ: ލޫކަސް

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއާއެކު އެ ވުޒާރާއަށް ރައްޔިތުންގެ އިތުބާރު ނުލިބޭނެ ކަމުގައި ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު މަޤާމް އަދާކުރައްވަމުން އަންނަ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

ލޫކަސް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކޮށް އޭސީސީ އިން ދަޢުވާކުރަން ފޮނުވި ނަމަވެސް އެމީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2020 އޮކްޓޫބަރު 14 ވަނަ ދުވަހުއެވެ.

އޭސީސީން ވިދާޅުވެފައި ވާ ގޮތުގައި ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔައީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ދުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށެވެ.

މީގެ އިތުރުން މި މައްސަލައަކީ، އެ ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެއްކަމަށާއި އަދި މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި މައްސަލާގައި ދަޢުވާ ކުރަން ފޮނުވި އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ނުކުރުމަށް ވަނީ ނިންމާފާއެވެ. އެގޮތުން ޕީޖީ އޮފީހުން ވިދާޅުވެފައި ވަނީ މިކަމުގެ ތަފްޞީލް ހާމަ ކުރައްވާނެކަމަށެވެ.

މި މައްސަލާގައި ދަޢުވާ ނުކުރަމަށް ނިންމެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ލޫކަސް ވިދާޅުވެފައި ވަނީ ދައުވާ ނުކުރަން ނިންމިޔަސް މިނިސްޓަރ އަމީންއާ އެކު ސިއްހީ ވުޒާރާއަށް އަލުން ރައްޔިތުންގެ އިތުބާރު ލިބޭނެކަމަށް ނުފެނަކަމަށާއި އަމިއްލައަށް ދުރަށް ޖެހިލުމުގެ ރީތި އާދަ ހުންނަންވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ