ހެލްތް މިނިސްޓަރ އަމީން / ފޮޓޯ:އަވަސް

ހެލްތް މިނިސްޓަރު އަމީނަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވައިފި

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި އަދި އެކަމުންގެ ސަބަބުން ދައުލަތައް ގެއްލުންވާ ގޮތައް އަމަލުކޮށްފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ގެނެރަލް (ޕީޖީ) ގެ އޮފީހުގައި އެދިއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.

އަދި ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަންވެސް އޮޑިޓް ރިޕޯޓުންވަނީ ހާމަވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަޙުޤީޤު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން މީގެ 2 މަސްކުރިން މިނިސްޓަރު އަމީން ވަނީ އެކަހެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ