ޓޮޓޭންހާމްއިން އާސެނަލް ބަލިކުރިއިރު، ލިވަޕޫލަށް ފަޞޭޙަ މޮޅެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު ނޯތު ލަންޑަން ޑާބީ މެޗު ޓޮޓޭންހާމްއިން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗު ޓޮޓޭންހާމްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ދެދަލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ 13 ވަނަ މިނަޓްގައި ޓޮޓޭންހާމްއިން ލީޑު ނެގީ އޭރިއާގެ ބޭރުން ގޯލްގެ ދުރުކަނަށް ސޮން އޮޅާލި ބޯޅައެއްގައި ކާމިޔާބުކުރި ހިތްގައިމު ލަނޑަކުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރި ކޭންވަނީ ޓޮޓޭންހާމްއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ސޮން ދިން ޕާހަކުން ގޯލްގެ އަރިމަތިން ކޭން ފޮނުވާލި ބާރު ހަމަލާ ގޯލްގެތެރެއަށް ވަދެފައިވަނީ މަތީ ދަނޑީގައި ބޯޅަ ޖެހުމަށް ފަހުގައެވެ.

ކޭންގެ މިލަނޑާއެކު ނޯތު ލަންޑަން ޑާބީގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް އޭނާ ވަނީ ވެގެން ގޮސްފައެވެ. މިހާތަނަށް 11 ލަނޑު ކޭން ޖަހާދީފައިވާއިރު، 10 ލަނޑާއެކު ދެވަނާގައި އުޅޭނީ އާސެނަލް އަދި ޓޮޓޭންހާމްއަށް ކުރިން ކުޅުނު އަޑެބަޔޯއެވެ.

މިމޮޅާއެކު ޓޮޓޭންހާމްއިން ތާވަލްގެ އެއްވަނާގައި އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު ދެވަނާގައި އޮތް ލިވަޕޫލަށްވުރެ އިތުރަށް ފައިދާ ގޯލް ލިބިގެންނެވެ. ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ފަޞޭޙަކަމާއެކު ވޯލްވެސް ގެ މައްޗަށް ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ސަލާޙް، ވައިނަލްޑަމް އަދި މަޓިޕްގެ އިތުރުން ސެމޭޑޯއެވެ. ރޭގެ މެޗުގައި ސަލާޙް ޖެހި ލަނޑަކީ އެންފީލްޑްގައި ލިވަޕޫލަށް އޭނާ ކާމިޔާބު ކޮށްދިން 52 ވަނަ ލަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ