އޭސީ މިލާން ފަސް ޕޮއިންޓްގެ ލީޑަކަށް

އިޓާލިއަން ސެރީއާގައި ރޭ ސަމްޑޯރިއާގެ މައްޗަށް ކުރި ހޯދައި އޭސީ މިލާނުން ފަސް ޕޮއިންޑްގެ ލީޑަކަށް ޖެހިލައިފިއެވެ.

އަވޭގައި ކުޅުނު މިމެޗު އޭސީ މިލާނުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މިސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ އިބްރަހިމޮވިޗް ނުހިމަނާ އޭސީ މިލާނުން ކުޅުނު މިމެޗުގެ ފުރަތަމަ ހަލަމާ އުފައްދާފައިވަނީ ސަމްޑޯރިއާއިންނެވެ. ކޯނަރެއްގެ ތެރެއިން އުފެއްދި މިހަމަލާ ދިފާޢުކުރީ މިލާންގެ ކީޕަރެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނަޓްގައި އޭސީ މިލާނުން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. އޭރިއާތެރެއިން އޭސީ މިލާންގެ ޑިފެންޑަރު ހާނަންޑޭޒް ބޮލުން ފޮނުވާލި ބޯޅައެއްގައި ސަމްޑޯރިއާގެ މިޑްފީލްޑަރު ޔެންކޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ކޭސީއެވެ.

ދެވަނަ ހާފު ފެށުމާއެކު އޭސީ މިލާނުން އުފެއްދި ހަމަލާއެއްވަނީ ގޯލްގެ ދަނޑިއާވެސް އަމާޒުވެފައެވެ.

އޭސީ މިލާނުން 77 ވަނަ މިނަޓްގައި ލީޑު ފުޅާކޮށްފައިވަނީ ކަސްޓިލޭހޯ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. ރެބިޗް ހުރަސްކޮށްދިން ބޯޅަ އޭރިއާތެރޭން ކަސްޓިލޭހޯ ގޯލްގެ ތެރެއަށް ފޮނުވާލާފައިވަނީ ވަން ޓަޗުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކަސްޓިލޭހޯ ކުޅުނު ފުރަތަމަ ބޯޅައެވެ. ނަމަވެސް ސަމްޑޯރިއާއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 82 ވަނަ މިނަޓްގައި އެކްޑަލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމޮޅާއެކު ތާވަލްގެ އެއްވަނާގައި އޭސީ މިލާނަށް އޮތީ 10 މެޗުން ލިބުނު 26 ޕޮއިންޓާއެކުގައެވެ. މިއީ ދެވަނާގައި އޮތް އިންޓަރ މިލާންއަށް ވުރެ 5 ޕޮއިންޓް އިތުރު އަދަދެކެވެ. 21 ޕޮއިންޓާއެކު އިންޓަރ މިލާން ދެވާނަގައި އޮތްއިރު ތިންވަނާގައި އޮތް ނަޕޯލީއަށް އަދި ހަތަރުވަނާގައި އޮތް ޔުވެންޓަސްއަށްވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ