ތިނަދޫ ރާސްތާ ދޯނިން ފިހުނު އިތުރު މީހަކު ނިޔާވެއްޖެ

ގދ.ތިނަދޫ ފަޅުގައި އޮއްވާ ގޭސްފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މީގެ ކުރިން ވަނީ 41 އަހަރުގެ މީހަކު ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވީ، 34 އަހަރުގެ ތިނަދޫ މީހެކެވެ. އަލިފާނުގެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހުނެވެ.

އެހެންކަމުން ތިނަދޫ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު މިވަނީ ދެއަކަށް އަރާފައެވެ.

ދޯނީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުންނެވެ. މި ހާދިސާގައި ހަތަރު މީހަކު ޒަހަމްވި އިރު އޭގެ ތެރެއިން ހަށިގަނޑުގެ 50 ޕަސެންޓް ފިހުނު ދެ މީހުންނަށް އައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ