ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާމެދު ސަމާލުވާން ޖެހޭކަމަށް ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ބާސެލޯނާއާއި ޔުވެންޓަސް ބައްދަލުކުރާއިރު، ނޫސްވެރިންނާއި ބައްދަލުކޮށް ކޫމަން ބުނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯއަކީ މިހާރުވެސް ދުނިޔޭގައި ހުރި މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއްކަމަށާއި، ރޮނާލްޑޯއަކީ ކޮންމެ ވަގުތުތެއްގައިވެސް ލަނޑު ޖަހާ އަދި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު ކުރާ ކުޅުންތެރިއެއްކަމަށެވެ. އަދި އެގޮތުގައި ދެމިހުންނަށް ރޮނާލްޑޯ ކޮންމެ ދުވަހަކު ކުރާ މަސައްކަތަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ވާނޭ ކަންތައްތަކެއް ނޫންކަމަށާއި، އެހެންކަމުން ރޮނާލްޑޯއާއި ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށް ކޫމަން ބުންޏެވެ.
މެސީ އާއި ރޮނާލްޑޯއާއި ދޭތެރެއިން ކުޅުންތެރިއަކު އިޚްތިޔާރުކުރަން ބުނުމުން ކޫމަން ބުނީ، އެދެކުޅުންތެރިންނަކީވެސް މޮޅު ދެކުޅުންތެރިންކަމަށާއި އެތަނުން ވަކި ކުޅުންތެރިޔަކު އިޚްތިޔާރުކުރުމަކީ ރީތި ގޮތެއް ނޫންކަމަށެވެ. އަދި އެދެކުޅުންތެރިންގެ މޮޅު ހުނަރާއެކު ތަފާތު ގިނަ ގޯލްތަކަކާއި ގިނަ މުބާރާތްތައް ކާމިޔާބުކޮށްފައިވާއިރު މެސީއާއި ރޮނާލްޑޯއާއި ދެކުޅުންތެރިންވެސް ވަރަށް ކަމުދާކަމަށް ކޫމަން ބުންޏެވެ.
ކޫމަން ބުނީ ބޭނުންވަނީ މާދަމާ ރޭވެސް މިދެކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިއުންކަމަށެވެ.
ކޭމްނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގެ ފަށާނީ މާދަމާ ރޭ ދަންވަރު 01:00 ގައެވެ. 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު ޔުވެންޓަސް ދެވަނާގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. މިދެޓީމަށްވެސް ދެވަނަ ބުރުވަނީ ޔަޤީންވެފައެވެ. ޔުވެންޓަސްގައި ކުޅުނު މިމެޗުގެ ފުރަތަމަ 0-2 ގެ ނަތީޖާކުން ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														