"ޝުބާއާ ޢާދިލްއާ އޮތީ ކޮން ގުޅުމެއްތޯ؟" ދެވަނަ ސުވާލުވެސް ޚާލިދު ދޫކޮށްލީ ހުޝިޔާރުވެ އިނދެއެވެ.
"ހަމަ... އޮފީސް އެހެން މީހުންނާވެސް އޮންނަ ގުޅުން." ޒާޔާގެ އަޑުގައި ފަސް ޖެހުން އެކުލެވިގެންވިއެވެ. އެހެންކަމުން އޭނާ ކޮންމެވެސް ކަމެއް ފޮރުވާކަން ޚާލިދަށް ޔަޤީންވިއެވެ.
ރަޙުމަތްތެރިޔާގެ އަގު ވެއްޓޭފަދަ ވާހަކައެއް ޒާޔާ ނުދައްކާނެކަން އެނގޭތީ އަނެއްކާވެސް ޖީޒާ ގެނެވުނެވެ. އަދި ޢާދިލްއާ ބެހޭގޮތުން އެނގޭ ހުރިހާ މަޢުލޫމާތެއް ހިއްސާކުރުމަށް ޚާލިދު އެދުނެވެ.
"ޢާދިލްއަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ. އަޅުގަނޑުމެން ކައިވެނިކުރީ އެއް އޮފީހެއްގަ އުޅެމުން. އަޅުގަނޑުމެންގެ ދެ ކުދިންވެސް ތިބޭ. އެކަމަކު ޝުބާ އޮފީހަށް ވަތް ހިސާބުން ޢާދިލް އަޅުގަނޑާ ދުރުވާންފެށި. ޝުބާ މީހަކާ އިނުމަށްފަހު ފިރިމީހާ ހުންނަނީ ރަށުން ބޭރުގަ. ޢާދިލްއާ ޝުބާގެ ގުޅުން ފެށުނީ ޢާދިލް ޝުބާ ފަހަތުން ދުވަސްކޮޅަކު އުޅުނު ފަހުން. އޮފީސް އެއްވެސް މީހަކަށްވެސް ނޭނގޭނެ އެދެމީހުންގެ ގުޅުމެއް. އަޅުގަނޑަށް އެކަން އެނގުނު ހިސާބުން ޢާދިލް އަޅުގަނޑު ވަރިކޮށްލީ. އަދި އެއްވެސް މީހަކަށް އެ ޚަބަރު ދީފިނަމަ އަޅުގަނޑަށް ދެރައެއް ދޭނެކަމަށްބުނެ އިންޒާރުދިން. އެހެންވެ އަޅުގަނޑު ހުރީ އެކަން ސިއްރުކޮށްގެން. އެކަމަކު ވަކި ހިސާބަކުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލި. އެކަން އަޅުގަނޑު ދާނިޝްއަށް އެންގިން. އެކަމަކު ފުރަތަމަ ދާނިޝް އެކަން ޤަބޫލެއް ނުކުރި. އެހެންވެ އެއްވެސް މީހަކު ނެތް ގަޑިއެއްގަ އެއްރެއަކު ޝުބާއާ ޢާދިލް އޮފީހުގަ ގައިގޯޅިކޮށް ތިއްބާ އަޅުގަނޑު ސިއްރުން ވީޑިއޯކޮށްފަ ދާނިޝްއަށް ފޮނުވިން. ދާނިޝް ޤަބޫލޫކުރީ އެހިސާބުން." ޖީޒާ އެ ހުރިހާ ވާހަކައެއް ކިޔައިދިންއިރު ލޮލުން ފާޅުވާން ހުރި ތަދު ޚާލިދަށް ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. ހެއްކެއްގެ ގޮތުން ޖީޒާ ނަގާފައިވާ ވީޑިއޯ ޚާލިދާ ހިއްސާކުރިއެވެ.
"އެހެންވެގެން ޝުބާގެ ކިބައިން ބަދަލު ހިފަން ޖީޒާތަ ޝުބާ މަރާލީ؟" ޚާލިދުގެ އަޑުގައިވަނީ ނުރުހުމެވެ. ޝުބާ ކުރީ ކުށެކެވެ. ނަމަވެސް އޭގެ ބަދަލުގައި ފުރާނަ ދުއްވާލުމަކީ އޮތް ޙައްލުކަމަކަށް ޚާލިދު ނުދެކެއެވެ.
"ނޫން. އަޅުގަނޑެއް ނޫން. އަޅުގަނޑު މީހަކު މަރާލާނެނަމަ މަރާލާނީ ޢާދިލް. އަޅުގަނޑަށް ބޭވަފާތެރިވެ ހިތާމަ ދިން މީހަކީ އޭނާ." ޖީޒާގެ އަޑުގައި އެއްވެސް ޖެހިލުންވުމެއް ނެތެވެ.
ޖީޒާ ދިއުމުން ޚާލިދު މިހާތަނަށް ލިބިފައިވާ ހުރިހާ މަޢުލޫމާތެއް ގުޅުވާލަން މަސައްކަތްކުރިއެވެ. މިހާރު އޭނާގެ ޝައްކު ވަނީ ޔަޤީނާ ގާތްވެފައެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވޭނީ ޝުބާގެ މަރުގެ ފަހަތުގައި ހުރި މީހާގެ ދުލުން އެކަން ކިޔައިދިނުމުންނެވެ.
"އެއްވެސް ކަމެއް ފޮރުވާކަށް އަޅުގަނޑު ނެތިން. ޢާދިލްއާ ޝުބާގެ ގުޅުން އަޅުގަނޑަށް އެނގޭ. ޢާދިލް ޝުބާއާ އެންމެ ފަހުން ވާހަކަދެއްކީ ކޮން އިރަކު؟" ޚާލިދު ވާހަކަދެއްކީ ކުރިމަތީގައި އިން ޢާދިލްއާއެވެ. އޭރު ޢާދިލްގެ މޫނުމަތިން ފެންނަންހުރީ ޖެހިލުންވުމެވެ.
"ޝުބާ މަރުވި ރޭ. އަޅުގަނޑާ ފޯނުން ވާހަކަ ދައްކަން އޮވެފަ ދިހައެއް ޖެހިތަނާ ނިދަންށޭ ކިޔާފަ ފޯނު ބޭއްވީ." ނިތްކުރިމަތީގައި ހުރި ދާތިކިތައް ކަނާއަތުގެ އިނގިލިތަކުން ފޮހެލަމުން ޢާދިލް ޖަވާބުދިނެވެ.
"އެނގޭ ދޯ އެއީ މީހެއްގެ އަނތްބެއްކަން." ހަރުކަށި ރާގެއްގައި ޚާލިދު ބުންޏެވެ.
"އެނގޭ. އެކަމަކު އެ ގުޅުމަކީ އަޅުގަނޑު ޝުބާއަށް މަޖުބޫރުކޮށްގެން ކުރިއަށްގެންދިޔަ ގުޅުމެއް ނޫން. ވީކަމެއްވީއްޔާ ވީ ދެމީހުންގެވެސް ރުހުމުގަ." ބިރުން އިންނަމަވެސް ޢާދިލް ހާމަކުރީ ކަން އޮތް ގޮތެވެ.
"މިފަހަރު ޗުއްޓީގަ ދާނިޝް އައީމަ ޝުބާ ހުރީ ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނުމަށްފަހު ވަރިވާން ނިންމައިގެން. އަޅުގަނޑުމެން ދެމީހުންވެސް ތިބީ އިންނަން ބޭނުންވެފަ." ޢާދިލް އިތުރަށް ކިޔައިދިނެވެ.
ޢާދިލް ފޮނުވާލުމަށްފަހު ދެން ގެނެވުނީ ޚާލިދަށް މިހާރު އެންމެ ބޮޑަށް ޝައްކު ކުރެވިފައިވާ މީހާއެވެ.
"މި ވީޑިއޯ އޮތީ ފެނިފަ ދެއްތޮ؟" ޚާލިދުގެ ފޯނުން ވީޑިއޯ ޕްލޭކޮށްލުމަށްފަހު ބުންޏެވެ. އެވަގުތު ދާނިޝް ދަތްކުނޑި ވިކާލިތަން ޚާލިދަށް ވަރަށް ރީއްޗަށް ފެނުނެވެ. އަދި ދެއަތް މުށްކަވާފައި އެ ވީޑިއޯ ނުބަލަންވެގެން މޫނު އަނބުރާލިގޮތްވެސް ފާހަގަކުރެވުނެވެ.
"މި ނިޔަފަތިގަނޑު ދާނިޝްގެ ވޮލެޓު ތެރޭގައި އޮތީ ކިހިނެއް؟ ދާނިޝް އައުމުގެ ކުރިން ފުލުހުން ގޮސް އެތަން ބެލި. އޭރު މި ނިޔަފަތިގަނޑެއް އެތާކު ނެތް. މީތި އަޅުގަނޑާ ހަވާލުކުރީ ދާނިޝްގެ މަންމަ." ނިޔަފަތިގަނޑު ދައްކާލަމުން ޚާލިދު ވާހަކަދެއްކީ ސާބިތުކަމާއެކުގައެވެ.
"އެއީ އެކަން ކުރި ގަޑީގަ އަޅުގަނޑު ނަގާފަ އޮތް އެއްޗެއް." ދާނިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ކޮންމެހެން އިތުރަށް ފޮރުވާކަށް އޭނާ ނޫޅެއެވެ.
"ގައްދާރުންދެކެ އަޅުގަނޑު އަބަދުވެސް ރުޅިއާދޭ." ދުރު ބަލަހައްޓައިގެން އިނދެ ދާނިޝް ބުންޏެވެ. އޭރު އެ ދެލޮލުން ފެންނަން ހުރީ ނުރުހުމެވެ.
"އެކަން ކުރިގޮތް ކިޔައިދީ." ޚާލިދު ހަރުކަށިކަމާއެކު ބުންޏެވެ.
---------------------------------------------------------------------------------------------------------------------
ޖީޒާ ފޮނުވި ވީޑިއޯ ބެލުމަށްފަހު ވަގުތުން ދާނިޝްގެ ލޭ ކެކިގަތެވެ. ވިސްނާ ވިސްނާވެސް ޝުބާ ބޭވަފާތެރިވާންޖެހުނީ ކޮންކަމެއް އުނިވެގެންކަމެއް ދާނިޝްއަކަށް ނޭނގުނެވެ. އޭނާ ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް އެކުރަނީ ޝުބާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގް މަޤުސަދުގައެވެ. އެހެންނަމަވެސް ޝުބާ އެކަމެއް ނުދަތެވެ.
އެއްވެސްކަމެއް ނުކޮށް ޝުބާ ދޫކޮށްލުމަކީ އިންސާފެއްކަމުގައި ދާނިޝްއަކަށް ޤަބޫލެއް ނުކުރެވުނެވެ. ޝުބާއަށް ޙައްޤު އަދަބު ލިބެން ޖެހޭނެކަމުގައި އޭނާ ދެކުނެވެ. އެހެންކަމުން ކަންތައްކުރާނެ ގޮތް އޭނާ ދުރާލާ ރޭވީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ.
ރައްޓެއްސެއްގެ ލޯންޗެއް ދާނިޝް ކުއްޔަށް ހިފީ މަހަށް ދާންކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ މަޤުސަދަކަށްވީ އެއްވެސް މީހަކަށް ނޭނގި އޭނާގެ ރަށަށް އެރުމެވެ. އެހެންކަމުން އެރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ރަށަށް ދިޔައެވެ. އަދި މީހުން ނިދައި ފައިގެ ހިލަވަޅު އޮބިއްޖެކަން ޔަޤީންވުމުން ރަށަށް ފޭބިއެވެ. ވަރަށް ހުޝިޔާރުވެހުރެ އޭނާ އަމިއްލަ ގެއަށް ވަނީ މަގުމަތިންވެސް އެއްވެސް މީހަކަށް ނުފެންކަން ކަށަވަރުކޮށްފައެވެ. އަދި އޭނާގެ ކޮޓަރިއަށް ވަނީ އެހާމެ ސިއްރު ސިއްރުންނެވެ. އޭރު ޝުބާ އޮތީ ވަރަށް ލޯބިކޮށް ނިދާލާފައެވެ. އެމަންޒަރު ފެނުމުން އޭނާގެ ހިތަށް އެތައް ގޮތްތަކެއް ވެގެންދިޔައެވެ. ފަހު ވަގުތުވެސް ލޯބިކޮށްލަން ހިތް އެދި ގޮވައިގަތެވެ. އެހެންކަމުން އޭނާ މަޑުމަޑުން ގޮސް ފާޚާނާއަށް ވަނުމަށްފަހު ގެނައި ސާމާނު އަތުޖެހޭ ހިސާބެއްގައި އަތުރާލިއެވެ. އެއަށްފަހު ނުކުމެ ޝުބާ ކައިރިއަށް އަރާ އޮށޯތެވެ. ޝުބާއަށް ހޭލެވުނީ އޭނާ ޝުބާގެ ގައިގައި ބައްދައިލި ވަގުތުއެވެ.
އަމިއްލަ އެދުން ފުދުމުން ދާނިޝް ޝުބާ ދުރުކޮށްލިއެވެ. އަދި ޝުބާގެ އަތުގައި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. ޝުބާ ހީކުރީ ފެންވަރަން އޭނާ ވެއްދިކަމުގައެވެ. ނަމަވެސް އެހާ ހިސާބުން ދެން ފެނިގެން ދިޔައީ ދާނިޝްގެ އަނެއް ފަރާތެވެ. ފުރަތަމަވެސް އޭނާ ޝުބާގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާ އަޑު ބޭރު ނުވާގޮތް ހެދިޔެވެ. އެއަށްފަހު ޝުބާގެ ފަހަރަކު ގުނަވަނަކަށް އަނިޔާ ދޭންފެށިއެވެ. އެވަގުތު އޭނާއަށް ސިފަކުރެވެމުން ދިޔައީ ޝުބާ ޢާދިލްއާއެކު އުޅުނު ގައިގޯޅި މަންޒަރުތަކެވެ. ޒިނޭކުރި ވަގުތު ޝުބާ ނުވިސްނިއިރު އޭނާ ވަކި ވިސްނަންވީ ކޮންކަމާހެއްޔޭ ދާނިޝްގެ ހިތަށް އަރަމުން ދިޔައެވެ.
ޝުބާ ބިންމައްޗަށް ވައްޓާލުމަށްފަހު ބޮޑު ވަޅިއެއް ނަގާ އޭގެ މުއްގަނޑުން ޝުބާގެ ކަނާތު ލޮލުގައި ބާރަށް ޖެހިއެވެ. ސަބަބަކީ އެއީ ޢާދިލްއާ ދިމާއަށް ލޯބިން ޝުބާ ބެލި ލޮލެވެ. އެއަށްފަހު ދެން ނެގީ ނަރުކެނޑިއެވެ. އަދި އޭގެން ކަނާއަތުގެ ޝަހާދަތް އިނގިލީގެ ނިޔަފަތިގަނޑު ދަމައިގަތެވެ. އޭރު ލިބެމުން ދިޔަ ވޭނުގެ ސަބަބުން ޝުބާ އޮތީ ކުކުރާލަ ކުކުރާލައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އޭރު ސަލާމަތަށް އެދި މަސައްކަތްކުރެވޭނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެންމެ ފަހު ވަގުތު ވަޅީގެ ޙަމަލާއެއް ބަނޑަށް އެރި ހިސާބުން ޝުބާގެ ޚަބަރު ހުސްވިއެވެ. އެއީ މިދުނިޔެއާ ޝުބާ ވަކިވި ވަގުތެވެ.
ހުރިހާ ކަމެއް ނިމުމުން ދާނިޝް ދެރަވެސްވިއެވެ. ނަމަވެސް ޝުބާ އެވަނީ އޭނާގެ މުޅި ހިތް ކުދިކުދިކޮށްލާފައެވެ. އެފަދަ މީހަކަށް އޭނާގެ ނަޒަރުގައި މަޢާފެއް ނެތެވެ. ވަރަށް ފަރުވާތެރިކަމާއެކި މުޅި ތަނުން އޭނާ އައި ކަމުގެ ނިޝާންތައް ފޮހެލުމަށްފަހު ނުކުމެގެން ދިޔައީ ޝުބާގެ އިނގިލިން ވަކިކޮށްލި ނިޔަފަތިގަނޑު ހިފައިގެންނެވެ. ޝުބާގެ ހަނދާނަކަށް ރައްކާކުރުމުގެ މަޤުސަދުގައެވެ.
ކުށަށް އިޢުތިރާފްވުމާއެކު ދާނިޝް ހައްޔަރުކުރެވުނެވެ. އެކަންވެގެން ދިޔައީ ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ސިހުން ގެނުވި ކަމަކަށެވެ. އެންމެ ބޮޑަށް އަސަރެއްކުރީ ޒާހިދާއަށެވެ. ނަމަވެސް އެފަދަ އަނިޔާވެރި ގޮތަކަށް ޝުބާ މަރާލުމަށް އަމިއްލަ ފިރިމީހާ ރޭވީ ކޮން ސަބަބަކާހުރެކަމެއް އެނގެނީ ރަށުގެ މަދު ބަޔަކަށެވެ.
(ނިމުނީ)




