މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހުކަމަށެވެ. އެގޮތުން ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާ ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގައި އެރަށު މަގުމަތިން 29 އަހަރާއި 31 އަހަރުގެ ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 29 އަހަރުގެ މީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ރަބަރު ޕެކެޓް ފެނިފައިވާއިރު، 31 އަހަރު މީހާގެ އަތުން މަސްތުވަތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަތަކުގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 29 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވާއިރު 31 އަހަރުގެ މީހާވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.
މި މައްސަލަތައް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



