އާސަންދައި މޮބައިލް އެޕްލިކޭޝަންގެ އައިއޯއެސް ވަރޝަން ތަޢާރަފްކޮށްފިއެވެ.
'އާސަންދަ' 27 ސެޕްޓެމްބަރުގަ ޕްލޭ ސްޓޯރުގަ އެންޑްރޮއިޑް ވަރޝަން ތައާރަފްކުރުމަށްފަހު މިހާރު އެޕް ސްޓޯރުންވެސް މި އެޕް ޑައުންލޯޑް ކުރެވޭނެއެވެ. އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށެވެ. ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވެވޭނެއެވެ. އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެއެވެ.
ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެއެވެ.
މި އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމެވެ. މި އެޕްލިކޭޝަންގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ، އާސަންދަ ސްކީމްގެ ޚިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުރުމުންކަމަށް މިކުންފުނިން ގަބޫލުކުރާ ޙާލު، އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.
ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ޚިދުމަތެއްގެ ތަފްޞީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެއެވެ.
ޚަބަރު: އާސަންދަ




