އަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ޖުލައި 17 އާ ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.1 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 1.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާރު އެ ބަޖެޓުގައި ބާކީ އޮތީ ގާތްގަނޑަކަށް 760 މިލިޔަން ރުފިޔާއެވެ. އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދާތީ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އާސަންދައިގެ ދަށުން ކުރެވޭ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމުމާއި، އާސަންދައިގެ ދަށުން އެހެން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭ އުސޫލަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

ދައުލަތުން އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށް ޚަރަދުކުރަމުންދާއިރު، މީގެ ބޮޑުބައެއް ހޭދަކުރެވެނީ ބޭސް ގަތުމަށެވެ. މި ޚަރަދު ކުޑަކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ހޭދަ ކުޑަކޮށް، އެ ފައިސާ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންކުރުމަކީ ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ