ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ ބަލިކޮށް ޔުވެންޓަސްއިން ގްރޫޕް ޖީ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭގެ މޮޅާއެކު ޔުވެންޓަސްއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާފައިވަނީ 15 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ބާސެލޯނާއަށްވެސް 15 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސްއަށް ކުރި ލިބެނީ އެދެޓީމު ބައްދަލުކުރި މެޗުގެ އެގްރިގޭޓް ނަތީޖާއިން ޔުވެންޓަސްއަށް ކުރި ލިބޭތީއެވެ.
ކޭމްޕްނޯ ގައި ރޭ ކުޅުނު މިމެޗުގައި ބާސެލޯނާގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދާފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ޖަހާފައިވާއިރު، މިއީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް އޭނާ ލަނޑުޖެހި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ޔުވެންޓަސްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މެކްކެނީއެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު ބާސެލޯނާގެ ޑިފެންޑަރު އަރައުހޯކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މެޗުގެ 13 ވަނަ މިނަޓްގައެވެ. އަދި ހަތްމިނަޓްފަހުން ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ މެކްކެނީ ފުންމައިގެން އަރައި މަތީގައި އޮވެ ކާމިޔާބުކުރި ހިތްގައިމު ލަނޑަކުންނެވެ.
⚽️ 13' Ronaldo
⚽️ 20' McKennie
⚽️ 52' Ronaldoℹ️ Barcelona 0-3 Juventus #UCL pic.twitter.com/JUQMou25st
— UEFA Champions League (@ChampionsLeague) December 8, 2020
ޔުވެންޓަސްގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އަކުންނެވެ. ޑިފެންޑަރު ލެންގްލެޓުގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 52 ވަނަ މިނަޓްގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު 134 އަކަށް އެރުވިއެވެ.
ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ކެޕްޓަން ލިއޮނަލް މެސީ ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހުރިހާ ހަމަލާއެއްވެސް ކީޕަރު ބުފަންވަނީ ދިފާޢުކޮށްފައެވެ. މެސީގެ ގިނަ ހަމަލާތައް ދިޔައީ ސީދާ ކީޕަރު އަތަށެވެ.
މިއީ 2016 ގެ ފަހުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު މެޗެއްގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮވެ މެޗު ފެށި ބާސެލޯނާއިން މެޗު ނިންމާލަން ޖެހުނީ ގްރޫޕްގެ ދެވަނާގައި އޮވެއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންކަމަށް ގިނަ ބަޔަކު ވާދަކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗަކީ އެތައް ބަޔަކު އިންތިޒާރުކުރި މެޗެވެ. މިދެކުޅުންތެރިން ރޭގެ މެޗުގައި ވާދަކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އިންތިޒާރަކަށް ފަހުގައެވެ. 36 ފަހަރެއްގެ މަތިން މިދެކުޅުންތެރިން ދެކޮޅަށް ކުޅެފައިވާއިރު، މިއިން ކޮންމެ މެޗަކީވެސް މުޅި ދުނިޔެ އެމެޗަކަށް ހުއްޓިފައިވާ މެޗެއްކަންވެސް ފާހަގަކޮށްލެވެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														