ޗެމްޕިއަންސް ލީގުން ޔުނައިޓެޑު ކަޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުން މެންޗެސްޓާރ ޔުނައިޓެޑް ކަޓައިފިއެވެ.

ރޭ ލެއިޕްޒިގު އަތުން ދަށްވެ ޔުނައިޓެޑު މުބާރާތުން ކަޓާފައިވަނީ ކުޅުނު ހަ މެޗުން ލިބުނު 9 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް އޮތީ ގްރޫޕް އެޗް ގެ ތިންވަނާގައެވެ.

ރެޑްބުލް އެރީނާގައި ކުޅެވުނު މިމެޗުން ޔުނައިޓެޑު ދަށްވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު ފެށުނުތަނާހެން އެންޖެލީނޯ ލެއިޕްޒިގަށް ލީޑު ނަގާދީފައިވަނީ އަރިމަތިން ހުރަސްވި ބޯޅަ އޭރިއާ ތެރެއިން ވަން ޓަޗުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެ އެގާރަ މިނަޓްފަހުން ލެއިޕްޒިގުން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. 13 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހާފައިވަނީ ހައިޑަރާއެވެ. މީގެއިތުރުން އޯބަން ލަނޑެއް ޖެހިނަމަވެސް، މެޗުގެ 30 ވަނަ މިނަޓްގައި ފެނިގެންދިޔަ އެލަނޑުވަނީ ވީއޭއާރު ބެލުމަށްފަހު އޭނާ އޮފްސައިޑްގައި ހުރުމުން ކެންސަލްކޮށްފައެވެ.

ދެލަނޑުގެ ލީޑެއްގައި އޮވެ ލެއިޕްޒިގުން މެޗުގެ ފުރަތަމަ ހާފު ނިންމާލާފައިވާއިރު، 69 ވަނަ މިނަޓްގައި ކްލުއިވާޓް ކާމިޔާބުކޮށްދިން ލަނޑާއެކު ލީޑު އިތުރަށް ފުޅާކުރިއެވެ.

މެޗުގެ ފަހު ދިހަ މިނަޓްގައި ޔުނައިޓެޑުން ދެ ލަނޑު ޖަހައި ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަނުކުރެވި ބައްޔަކާއެކު މެޗު ނިންމާލަން ޖެހުނީ މުބާރާތުން ކަޓައިގެންނެވެ. 80 ވަނަ މިނަޓްގައި ފެނިގެންދިޔަ ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ފާނަންޑޭޒް ކާމިޔާބުކޮށްދިންއިރު ޔުނައިޓެޑުގެ ދެވަނަ ލަނޑަކީ އޭގެ ދެމިނަޓްފަހުން ލެއިޕްޒިގުގެ ޑިފެންޑަރު ކޮނަޓޭ ފައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ.

ރޭގެ މޮޅާއެކު ލިބުނު 12 ޕޮއިންޓައެކު ލެއިޕްޒިގުން ގްރޫޕް އެޗްގެ އެއްވަނާގައި އޮތްއިރު، މިގްރޫޕްގެ އަނެއް މެޗު ނަސްލީތަފާތު ކުރުމާއި ގުޅިގެންވަނީ މެދުކަނޑާލާފައެވެ. ޕީއެސްޖީ އަދި އިސްތަންބުލް ބަޝެކްޗީރް ވާދަކުރި މިމެޗު މެދު ކަނޑާލާފައިވާއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މިމެޗުގެ ބާކީ ބައި މިރޭ ކުޅޭ ގޮތަށް ޔޫއެފާއިންވަނީ ނިންމާފައެވެ. މިގްރޫޕްގެ އެއްވަނައަށް ދާ ޓީމެއް ކަށަވަރުވާނީ މިރޭގެ މެޗުގެ ނަތީޖާއަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ