މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެގޮތުން ފުލުހުން ހިންގި އެއް އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ގެނައި ފޮށިގަނޑެއް މިލަދޫ ޑިންގީ އަކަށް އަރުވައިގެން މަނަދޫން ފުރަން އުޅެނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މިއަދު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން، މާލެއިން މާމިގިއްޔަށް ދަތުރުކުރަމުންދާ ފެރީއަކުން މަސްތުވާތަކެތި ގެންދާ ކަމަށް މާމިގިލި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
މާމިގިލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ފެރީން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމުގައި ފުލުހުން ވިދާޅުވިއެވެ.



