ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީ ގެ އެއްވަނާގައި ރެއަލްމެޑްރިޑް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެގްރޫޕުގެ ފުލަށް ގޮސް އިންޓަރމިލާންއިން މުބާރާތުން ކަޓައިފިއެވެ.
ރޭ ކުޅުނު މެޗުގައި މޮންޗެންގްލެޑްބާޗުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ކުރި ހޯދިއިރު، އިންޓަރމިލާން އަދި ޝަކްތަރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މި ނަތީޖާތަކާއެކު ރެއަލްމެޑްރިޑަށް ގްރޫޕް ބީ ގެ އެއްވަނަ ލިބެނީ ހަމެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް މޮންޗެންގްލެޑްބާޗަށާއި ޝަކްތަރަށް ޖުމްލަ 8 ޕޮއިންޓް ލިބިފައިވާއިރު، މޮންޗެންގްލެޑްބާޗަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް އިންޓަރމިލާނަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.
???? How Group B finished...
???? Who impressed most in this section?#UCL
— UEFA Champions League (@ChampionsLeague) December 9, 2020
ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި އެކްލަބުން ޖެހި ދެލަނޑުވެސް ޖަހާފައިވަނީ ކަރިމް ބެންޒެމާއެވެ. މެޗުގެ 9 ވަނަ މިނަޓްގައި ފުރަތަމަ ލަނޑު ބެންޒެމާ ޖަހާފައިވަނީ ވަޒްކަޒް ނަގައިދިން ހުރަހަކުން ބޮލުންނެވެ. އަދި ދެވަނަ ލަނޑު 31 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑަކީވެސް ބެންޒެމާ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަދި ރޭގެ މެޗުގައި ބެންޒެމާ ކާމިޔާބުކުރި ދެލަނޑާއެކު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި 50 ލަނޑު ހަމަކުރި ފަސްވަނަ ކުޅުންތެރިޔާއަށް ބެންޒެމާވަނީ ވެގެން ގޮސްފައެވެ.
ޗެޕްމިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ލިއޮނަލް މެސީއެވެ. އޭނާ ބާސެލޯނާއަށް 71 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ދެވަނާގައި އޮތް ވާދަވެރި ރޮނާލްޑޯވަނީ 67 ލަނޑު ކާމިޔާބުކޮށްފައެވެ. 50 ލަނޑު ހަމަކޮށްފައިވާ އަނެއް ދެކުޅުންތެރިންނަކީ ރައުލް އާއި ނިސްޓެލްރޯއީއެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރައުލް53 ލަނޑު ޖަހާފައިވާއިރު، ނިސްޓެލްރޯއީވަނީ 50 ލަނޑު ހަމަކޮށްފައެވެ.



