ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަޞޭޙަކަމާއެކު އިސްތަންބޫލް ބަސަކްޝެހީރު ބަލިކޮށް ގްރޫޕް އެޗް ގެ އެއްވަނާގައި ޕީއެސްޖީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ކޮންޓްރޯލްކޮށްގެން ކުޅުނު މިމެޗުގައި އެކްލަބަށް ލަނޑުތައް ޖަހައިދީފައިވަނީ ނޭމާއާއި އެމްބާޕޭއެވެ. ނޭމާ ހެޓްރިކް ހަދާފައިވާއިރު އެމްބާޕޭވަނީ ދެލަނޑު ޖަހާފައެވެ. ބަސަކްޝެހީރުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެހްމެޓް ޓޮޕާލްއެވެ.
ނޭމާގެ ފުރަތަމަ ލަނޑު 21 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑަކީ އޭރިއާގެ ބޭރުން ގޯލްގެ މަތީ ދުރުކަނަށް ކާވް ކޮށްލި ބޯޅައަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. އަދި އޭގެ ސަތާރަ މިނަޓްފަހުން ދެވަނަ ލަނޑު ކާމިޔާބުކުރީ ކީޕަރުގެ ތޮއްޑު ދަށުންނެވެ. އަދި ދެވަނަ ހާފުގައި ތިންވަނަ ލަނޑު ޖަހާފައިވަނީ އޭރިއާ ބޭރުން ފޮނުވާލި ހޫނު ހަމަލާއަކުންނެވެ.
ރޭގެ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. އަދި އެމްބާޕޭގެ ދެވަނަ ލަނޑަކީ ޑިމާރިއާ ދިން ބޯޅައެއްގައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
Paris Saint-Germain and İstanbul Başakşehir players joined together in a show of solidarity ahead of tonight's match. pic.twitter.com/BYb8a2Tz0Z
— UEFA (@UEFA) December 9, 2020
މިމެޗު ފުރަތަމަ ކުޅެފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ. ނަމަވެސް އެމެޗު ނަސްލީ ތަފާތު ކުރުމުގެ މައްސަަލައަކާ ހެދި ކެންސަލްވެފައިވަނީ ކުޅުންތެރިން މެޗު ކުޅެން ދެކޮޅު ހެދުމުންނެވެ. އެމެޗު ހުއްޓާލަން ޖެހުނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ބަސަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ކެމަރޫންގެ ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކޮށްލުމުންނެވެ. ހަތަރު ވަނަ އޮފިޝަލް ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި ރެފްރީ ވަނީ ވެބޯ އަށް ރަތް ކާޑު ދައްކައިފައެވެ.
އަދި ކޮލްޓެސްކޫ ލައިގެން މެޗު ކުރިއަށްގެންދަން ބޭނުންނުވާތީ ޕީއެސްޖީ އާއި ބަސަކްޝެހީރްގެ ކުޅުންތެރިން ދަނޑުން ފޭބިއެވެ.
ރޭގެ މޮޅާއެކު ޕީއެސްޖީއަށް ގްރޫޕް އެޗުގެ އެއްވަނަ ލިބެނީ ދެވަނަގައި އޮތް ލެއިޕްޒެގަށް ވުރެ އިތުރަށް ފައިދާ ގޯލް ލިބިގެންނެވެ. މިދެޓީމަށްވެސް ޖުމްލަ 12 ޕޮއިންޓް ލިބިފައިވާއިރު، 9 ޕޮއިންޓައެކު މިގްރޫޕްގެ ތިންވަނާގައި އޮތީ މެންޗެސްޓާރ ޔުނައިޓެޑެވެ. އަދި ހަރަތުވަނާގައި އޮތް ބަސަކްޝެހީރަށް ލިބިފައިވަނީ އެންމެ 3 ޕޮއިންޓެވެ.




