އޮޒިލްގެ ކައިވެނީގެ އުފަލުގައި ސާޖަރީ ހެދުމަށް ބޭނުންވެފައިހުރި 1000 ކުދިންނަށް އެހީވާން ނިންމައިފިއެވެ.
ނިމިގެން މިދިޔަ ސީޒަންއަކީ އޮޒިލްއަށް އުނދަގޫތަކާ ކުރިމަތިވި ސީޒަންއެކެވެ. ނަސްލީ ތަފާތުކުރުންތަކުގެ ޝިކާރައަކަށްވެފައިވާކަމަށްބުނެ ޖަރުމަނު ޤައުމީޓީމާއި ދުރަށް އޮޒިލްޖެހިލީ މިދިޔަ ޖުލައި މަހުއެވެ.
އެހެންނަމަވެސް އާސެނަލްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ފުރިހަމަ ލޯތްބާއި އިޙްތިރާމާއެކު ކްލަން ފުޓްބޯޅައިގައި ކުރިއަރަން އޮޒިލް މަސައްކަތްކުރިއެވެ.
އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އޮޒިލް މިދިޔަ ފެންރުއަރީމަހު އާކުރީ އާސެނަލް ސަޕޯޓަރުން އޮޒިލްގެ ފުރިހަމަ ކުޅުން ދެކެން ބޭނުންވާތީއެވެ. ހަފްތާއަކު 350،000 ޕައުންޑްގެ މުސާރައާއެކުވެސް އޮޒިލްވަނީ ސަޕޯޓަރުންނާއި ކޯޗު އުނައި ބޭނުންވާ ފެންވަރު ދައްކަން ނުކުޅެދިފައެވެ.
އާސެނަލް ސީޒަން ހުސްއަތާ ނިންމާލަން ޖެހުނުއިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށްވެސް ކޮލިފައިވެފައެއްނުވެއެވެ.
އުނދަގޫ ސީޒަނެއް ނިންމާލި އޮޒިލް މިވަނީ ޙަޔާތުގައި ފުޓުބޯޅަ ނޫން އެހެންކަންކަންވެސްވާކަން ހާމަކޮށްދީފައެވެ. އުމުރުން 30 އަހަރުގެ އޮޒިލް އޭނާގެ ކައިވެނީގެ އުފަލުގައި ސާޖަރީ ހެދުމަށް ބޭނުންވެފައިހުރި 1000 ކުދިންނަށް އެހީވާން ނިންމާފައިވާކަން މިވަނީ ހާމަކޮށްފައެވެ.
??❤ #M1Öhttps://t.co/hG72JpFhxF pic.twitter.com/1M7BooiBC8
— Mesut Özil (@MesutOzil1088) June 6, 2019
ބިގްޝޫއާއެކު އޮޒިލްގެ ދެމަފިރިން ހިންގުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓްގައި އެހީވާން ބޭނުންވާ ހުރިހާފަރާތްތަކަށް އޮޒިލްވަނީ ދަޢުވަތު އަރުވާފައެވެ.
ބިގްޝޫއަކީ ޖަރުމަނު އަދި ސްވިސްގެ ޑޮކްޓަރުންނާއެކު ދުނިޔޭގައި އެކި ކަންކޮޅުތަކުގައި އެކަމަށް ބޭނުންވެފައި ހުރި ކުދިންނަށް ތަފާތު ސާޖަރީގެ ޚިދުމަތް ދެމުން އަންނަ ބައެކެވެ. އޮޒިލް މީގެކުރިންވެސް ބިގްޝޫއާއެކު މަސައްކަތްކޮށްފައިވެއެވެ. އެއީ އެންމެ ފަހުން ބޭއްވުނު ދެވޯލްޑްކަޕްގައެވެ.