ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ކައިވެނީގެ އުފަލުގައި ވީ ވަޢުދުގެ ތެރެއިން 219 އޮޕަރޭޝަނެއް މިހާރުވެސް ނިމިއްޖެއެވެ.
އުމުރުން 31 އަހަރުގެ އޮޒިލްގެ ކައިވެނި މިދިޔަ ޖޫން މަހު ކުރެވިގެންދިޔައިރު، އެކަމުގެ އުފަލުގައި ސާޖަރީހެދުމަށް ބޭނުންވެފައިހުރި 1000 ކުދިންނަށް އެހީވާނެކަމަށް އޭނާވަނީ ބުނެފައެވެ.
ބިގްޝޫއާއެކު އޮޒިލްގެ ދެމަފިރިން ގުޅިގެން ކުރިއަށް ގެންދާ މިޕްރޮޖެކްޓްގައި އެހީވާން ބޭނުންވާ ހުރިހާފަރާތްތަކަށް އޮޒިލްވަނީ ދަޢުވަތު އަރުވާފައިވާއިރު، އޭގެތެރެއިން 219 އޮޕަރޭޝަނެއް މިހާރު ނިމިފައިވާކަމަށް އޮޒިލްވަނީ ހާމަކޮށްފައެވެ.
"މިހާރު 219 އޮޕަރޭޝަނެއް ނިމިއްޖެ. ކައިވެނީގެ ވަޢުދާއި އެއްގޮތަށް އަހަރެންނާއި އަދި އަނބިމީހާއާއި ވެގެން ސާޖަރީ ހަދަން ބޭނުންވެފައި ހުރި 1000 ކުދިންނަށް އެހީވުމަށް ފެށި މަސައްކަތްދަނީ ކުރިއަށް. ބާކީވެސް އެތަށް މަސައްކަތެއް އަދި އެބައޮތް." އޮޒިލް ޓްވިޓާގައި ބުނެފައިވެއެވެ.
219 operations are already done, but there’s still many more to come going forward! As my wife Amine and I announced before our wedding in June 2019, we're covering the costs of another 1,000 life-changing surgeries for children in need around the world. 1/3 pic.twitter.com/HSY8rdiogp
— Mesut Özil (@MesutOzil1088) December 24, 2019
މީގެއިތުރުން އޮޒިލްވަނީ މިމަސައްކަތުގައި އެހީވާ 'ބިގްޝޫ' ކުންފުންޏަށް ޝުކުރުއަދާކޮށްފައެވެ. ބިގްޝޫއަކީ ޖަރުމަނު އަދި ސްވިސްގެ ޑޮކްޓަރުންނާއެކު ދުނިޔޭގައި އެކި ކަންކޮޅުތަކުގައި އެކަމަށް ބޭނުންވެފައި ހުރި ކުދިންނަށް ތަފާތު ސާޖަރީގެ ޚިދުމަތް ދެމުން އަންނަ ބައެކެވެ. އޮޒިލް މީގެކުރިންވެސް ބިގްޝޫއާއެކު މަސައްކަތްކޮށްފައިވެއެވެ. އެއީ އެންމެ ފަހުން ބޭއްވުނު ދެވޯލްޑްކަޕްގައެވެ. އެދެވޯލްޑް ކަޕްގައިވެސް ބްރެޒިލް އަދި ރަޝިއާގެ ކުޑަކުދިންގެ އޮޕަރޭޝަންތަކަށް އޮޒިލް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޗައިނާ އިން އުއިގޫރް މުސްލިމުންނާ މެދު އަނިޔާވެރިވާ ކަމަށް ބުނެ ދާދިފަހުން އޮޒިލް އެ ޤައުމާ މެދު ރުޅިވެރިކަން ޓްވިޓާގައި ފާޅުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ޗައިނާ ސަރުކާރުންވަނީ އާސެނަލް ކުޅުނު މެޗެއް އެޤައުމުގެ ސަރުކާރު ޓީވީން ދެއްކުން މަނާކޮށްފައެވެ. އަދި މަޝްހޫރު ފުޓްބޯޅަ ގޭމް، ޕްރޯ އިވޮލޫޝަން ސޮކާ (ޕެސް) މޯބައިލްގެ ޗައިނާ ވާޝަނުންވެސް އޮޒިލް އުނިކޮށްފައެވެ.



