އާސެނަލް ކުޅޭ ވައްޓަފާޅިއަށް ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ފިޓްނަމަވެސް ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރުނޫންކަމަށް އެކްލަބުގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި އާސެނަލް ކުޅުނު މެޗުގައިވެސް އޮޒިލް ބޭނުންކޮށްފައިނުވާއިރު، އެރޭގެ މެޗުގައި އާސެނަލްގެ ޒުވާން ކުޅުންތެރިންގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ސްޓޭންޑާޑް ލޯޖާއި ދެކޮޅަށް އާސެނަލް އެރޭ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މީގެއިތުރުން އެމެޗުގެ ކުރިން ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްއިން އޮޒިލް ބެންޗުގައިވެސް ހިމަނާފައެއްނުވެއެވެ.
"އޮޒިލް ކުޅެނީ އަހަރެން ބޭނުންވާ ކަހަލަ ކުޅުމެއް. ނަމަވެސް އެއް ފެންވަރެއްގ ގިނަ ކުޅުންތެރިން ތަކެއް ޓީމުގައި އެބަހުރި. ހުރިހާ ކުޅުންތެރިންނަށްވެސް ފުރުޞަތު ބޭނުންވާއިރު، އަހަރެން ބޭނުންވަނީ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އެހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުން." އެމެރީ ބުންޏެވެ.
އުމުރުން 30 އަހަރުގެ އޮޒިލް މިސީޒަންގައި މިހާތަނަށް ކުޅެފައިވަނީ ޕްރިމިއާ ލީގު އެންމެ މެޗެކެވެ. އަނެއްކޮޅުން އަންނަ ޖެނުއަރީމަހު ލޯނު ޢުޞޫލުން އޮޒިލް ވިއްކާލަން އާސެނަލްއިން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ.
								
											


														
														
														
														
														
														