ދެ ހަފްތާގައި ޗައިނާއަށް 15 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަންޖެހޭ: ނަޝީދު

ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އަދި މިހާތަނަށް ލޯނުތަކަށް އެއްވެސް ލުޔެއް ދީފައި ނުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ކުރިއަށް އޮތް 14 ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވޭ އަމްދާނީގެ 50 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރަނގަޅުވަމުން މިދާ ދަނޑިވަޅުގައި ދިވެހި އިގްތިސާދަށް ނޭވާ ލާނެ ޖާގަ ވެސް ބޭނުންވާ ކަމަށް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިކަން ދޮގު ކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން، 14 ދުވަސް ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެެއް ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށް ހިންގި ގިނަ މަޝްރޫއުތައް ޗައިނާގެ އެހީއާއި ލޯނުތައް މެދުވެރިކޮށް ހިންގާފައިވާއިރު ރާއްޖެއިން ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހެއެވެ. ޔާމީން ގެ ވެރިކަމުގައި ޗައިނާއިން ނެގި ލޯނުތައް މި ސަރުކާރުގައި ދައްކަން ޖެހޭތީ ރާއްޖެ ދަރަނިވެރިވެ، ބަޖެޓަށް ބުރަވެފައިވާކަމަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް ބަޖެޓުގައި ހިމަނާފައިވާ 4.9 ބިލިއަން ރުފިޔާގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ.

"އަޅުގަނޑު އަންތަރީސްވޭ އެބަ، އެއޮތް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ޤައުމު، އެއޮތް ކުރިއަރަމުން އަންނަ މީހުން، އަދި ދުނިޔޭގެ ވެރިކަމަށް ނުކުންނަވަން އުއްމީދުކުރަމުން ތައްޔާރުވަމުން އަންނަ ޤައުމު މި ދިވެހިރާއްޖޭގައި ތިބި ހަތަރު ލައްކައެއްހާ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނަމެންގެ ބޭންކް ތަކަށް މާދަން ފައިސާ ގެންނާށޭ، ލާރި ގެންނާށޭ ބުނާ ބުނުން" ނަޝީދު މީގެ ކުރިން ވިދާޅުވިއެވެ.

ޔާމިންގެ ސަރުކާރުގައި ޗައިނާއިން ނެގި ލޯނުތަކުން ގައުމު ދަރަނިވެރިވާ ކަމަށް ނަޝީދު ވިދާޅުވާ އިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއިން ބޮޑެތި ލޯނުތައް ނަގާފައިވުމުން އެކަމުން ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ