މިސީޒަންގެ ސްޕެނިޝް ލަލީގާގެ ފެވަރިޓުންނަކީ ވާދަވެރި އެތުލެޓިކޯ މެޑްރިޑްކަމަށް ރެއަލްމެޑްރިޑްގެ ހެޑް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ލަލީގާގައި މާދަމާ ރޭ ރެއަލްމެޑްރިޑާއި އެތުލެޓިކޯ މެޑްރިޑު ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، މިސީޒަންގެ ފެވަރިޓުންނަކީ އެތުލެޓިކޯ ކަމަށާއި، އެކަމާ ޝައްކެއްވެސް ނުކުރާކަމަށެވެ. އަދި ދަނޑުމަތީގައި އެތުލެޓިކޯއިން އެކަން ސާބިތުކޮށްދެއްމުން އަންނައިރު، އެތުލެޓިކޯއަކީ އަބަދުވެސް ވާދަވެރި ޓީމެއް ކަމަށް ޒިދާން ބުންޏެވެ.
ޒިދާން އިތުރަށް ބުނީ، ކުޅޭ ކޮންމެ މެޗެއްގައިވެސް ޓީމުގެ އަސްލުކުޅުން ދައްކާލައި މެޗުން މޮޅުވާން ބޭނުންކަމަށެވެ.
މާދަމާ ރޭގެ މެޗުން ފެޑޭ ވަލްވާޑޭއާއި ކާވަހާލްވެސް ފެނިގެންދާނެކަމަށް ޒިދާން ބުންޏެވެ. މާދަމާ ރޭގެ މެޗަށް ރެއަލްމެޑިރުޑުން ނެރޭ ޓީމު ހާމަކޮށްފައިވާއިރު، ހަޒާޑު، އޮޑެގާޑު އަދި ޖޮވިޗްގެ އިތުރުން މަރިއާނޯ ޑިއާޒްވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
????✅ Our 21-man squad for the derby against @atletienglish!#RealMadridAtleti | #HalaMadrid pic.twitter.com/aGxD2EVjZr
— Real Madrid C.F. ???????????????? (@realmadriden) December 11, 2020
10 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެތުލެޓިކޯ މިވަގުތު އޮތީ ތާވަލްގެ އެއްވަނާގައެވެ. ރެއަލްމެޑްރިޑް ތާވަލްގެ ހަތަރު ވަނާގައި އޮތީ 11 މެޗުން ލިބުނު 20 ޕޮއިންޓައެކުގައެވެ. އެލްފްރެޑޯ ދި ސްޓެފަނޯގައި ކުޅުމަށް ހަމަޖެހިފައިވާ މެޑްރިޑް ޑާބީގެ ނަމުން މަޝްހޫރުވެފައިވާ ފޯރިގަދަ މިމެޗު ފަށާނީ މާދަމާ ރޭ 01:00 ގައެވެ.




