ރެއަލްއިން މެޑްރިޑް ޑާބީ ކާމިޔާބު ކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

މެޑްރިޑްޑާބީގެ ނަމުން މަޝްޙޫރުވެފައިވާ މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު އެކްލަބުން ޖަހާފައިވަނީ މެޗުގެ 15 ވަނަ މިނަޓްގައެވެ. ކަސެމީރޯ މިލަނޑު ޖަހާފައިވަނީ ލިބުނު ކޯނަރެއްގައި ބޮލުންނެވެ. އަދި ދެވަނަ ހާފުގައި އެތުލެޓިކޯގެ ކީޕަރު އޮބްލަކް ގައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑާއެކު ރެއަލްމެޑްރިޑަށް ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ. 63 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭރިއާގެ ބޭރުން މެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ކާވަހާލް ފޮނުވާލި ހޫނު ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑީގައި ޖެހުމަށްފަހު ބޯޅައަށް ޑައިބްކުރި ކީޕަރު އޮބްލަކްގެ ބުރަކަށީގައި ޖެހި ގޯލްގެ ތެރެއަށް ވަތް ލަނޑެކެވެ.

މެޗުގައި ރެއަލްމެޑްރިޑްގެ ގޯލާއި އަމާޒުކޮށް އެތުލެޓިކޯ ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ސައުލް ފޮނުވާލި މިހަމަލާ ކީޕަރު ކޯޓުއާވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މީގެއިތުރުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ސުމެއް ކަނޑުވަން އެތުލެޓިކޯއަށް ރަނުގެ ފުރުޞަތެއް ލިބިގެން ދިޔަނަމަވެސް ރެއަލްމެޑްރިގެ ގޯލް ކުރިމަތިން ހުރަސްވެގެންދިޔަ ބޯޅަ ގޯލްގެ އަރިމަތީ ހުހަށް ހުރި ފެލިކްސް ފޮނުވާލިއިރު، އެހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއާއެވެ.

މިއީ ތާވަލްގެ އެއްވަނާގައި އޮތް އެތުލެޓިކޯއިން މިސީޒަންގައި ބަލިވި ފުރަތަމަ ފަހަރެވެ. 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު އަދިވެސް ތާވަލްގެ އެއްވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.25 ޕޮއިންޓާއެކު ސޮސިޑޭޑް ދެވަނާގައި އޮތް ރެއަލްމެޑްރިޑް އޮތީ ތިންވަނާގައެވެ. 12 މެޗުން ރެއަލްމެޑްރިޑަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިސީޒަންގެ ފެވަރިޓުންނަކީ އެތުލެޓިކޯ މެޑްރިޑުކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ