ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:04 ހާއިރު ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
11 މިނެޓްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާއިރު، މި ހާދިސާގައި ކުޑަކުދިންގެ ހިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

"އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.