ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާއާއި ޕީއެސްޖީގެ ކުރިމަތި ލުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ގުރައަތުނަގައިފިއެވެ.

ގަދަ 16 ގެ ގުރުއަތު ލުން މިއަދު ނަގާފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރާ މެޗެވެ. އެތަށް ގޮތަކުން ފޯރިގަދަ ވެެގެންދާނެ މިމެޗަކީ މީގެ ތިން އަހަރު ކުރިން ބާސެލޯނާއިން ޕީއެސްޖީ ކަޓުވާލި ކަޓުވާލުމުގެ ބަދަލު ހިފަން އެކްލަބަށް ލިބޭ ފުރުޞަތެކެވެ. 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އެ ފަހަރު ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވިނަމަވެސް، ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދާފައެވެ.

މިއީ ބާސެލޯނާގެ ސަޕޯޓަރުންނަށްވެސް ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފާހަގަކޮށްލެވޭ އަނެއް ތަންކޮޅަކީ ބްރެޒިލްގެ ތަރި ނޭމާ އޭރު ކުޅުނީ މެސީއާއެކު ބާސެލޯނާއަށެވެ. ނަމަވެސް މިފަހަރު ނޭމާ ނުކުންނާނީ ޕީއެސްޖީގެ ދިފާޢުގައި ބާސެލޯނާއާއި ދެކޮޅަށެވެ.

ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާލާއިރު، އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ނުކުންނާނީ އިޓަލީގެ ލާޒިއޯއާއި ދެކޮޅަށެވެ. އަދި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރާއިރު، ލިވަޕޫލް ކުޅޭނީ ލެއިޕްޒިގާއި ދެކޮޅަށެވެ. މީގެއިތުރުން ޕޯޓޯ އަދި ޔުވެންޓަސް ވާދަކުރާއިރު، ސެވިއްޔާ ނުކުންނާނީ ޑޯޓުމުންޑާއި ދެކޮޅަށެވެ. އަދި މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ރެއަލްމެޑްރިޑު ބައްދަލުކުރަން ޖެހޭނީ އެޓަލާންޓާއެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުއަރީ މަހު 16 ގައެވެ. މި ސީޒަނުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލްގައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ