ރެއަލްއިން ތާވަލްގެ އެއްވަނައާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއަލްމެޑްރިޑުން ތާވަލްގެ އެއްވަނައާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.

ރޭގެ މޮޅާއެކު ޖުމްލަ ލިބުނު 26 ޕޮއިންޓާއެކު ރެއަލްމެޑްރިޑް ތާވަލްގެ ތިންވަނާގައި އޮތް އިރު، އެއްވަނާގައި އޮތް ރެއަލްސޮސިޑޭޑަށްވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. ދެވަނާގައި 26 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ މިދެޓީމަށްވުރެ ދެ މެޗު މަދު ކުޅެގެންނެވެ. އެހެންކަމުން މިމެޗުތަކުން މޮޅުވެ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު އެތުލެޓިކޯއަށް އޮތީ ހުޅުވިފައެވެ.

އަލްފްރެޑޯ ދި ސްޓެފަނޯގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 13 ވަނަ މިނަޓްގައި އެތުލެޓިކް ކްލަބުގެ ރައުލް ގާސިއާއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެކަލަބުން ފުރިހަމަކޮށްފައިވަނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ ފުރަތަމަ ލަނޑު ރެއަލްމެޑްރިޑުން ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މިލަނޑަކީ ޑީ އޭރިއާގެ ބޭރުން ފޮނުވާލި ހޫނަ ހަމަލާއަކުން ޓޯނީ ކްރޫސް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ރެއަލްއިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިނަމަވެސް، ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެތުލެޓިކު ކްލަބަށް ނަތީޖާ ހަމަހަމަކޮށްފައިވަނީ އެންޑާ ކަޕާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރެއަލްމެޑްރިޑްގެ ފަހު ދެލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކަރިމް ބެންޒެމާއެވެ. ފުރަތަމަ ލަނޑު 74 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، ބެންޒެމާ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މިއީ ލަލީގާގައި އެތުލެޓިކް ކްލަބާއި ދެކޮޅަށް ބެންޒެމާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ