ޕެލޭގެ ރެކޯޑާކާއި ހަމަކުރަން މެސީ ބޭނުންވަނީ އެންމެ ދެ ގޯލް

ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ރެކޯޑާކާއި ހަމަކުރަން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެންމެ ދެ ގޯލާއި ގާތްކޮށްފިއެވެ.

މިރޭ ރެއަލްސޮސިޑޭޑާއި ދެކޮޅަށް ކުޅޭ މެޗުގައި މި ރެކޯޑާއި ހަމަހަމަކުރުމުގެ ފުރުޞަތު މެސީއަށް އޮތްއިރު، ބާސެލޯނާއަށް އިތުރު ދެލަނޑު ކާމިޔާބުކޮށް އެއްކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައި ޕެލޭ ހަދާފައިވާ ރެކޯޑާއި މެސީއަށް ހަމަހަމަކުރެވޭނެއެވެ. ޕެލޭ މިރެކޯޑު ހެދިފަހުން 50 ހަކަށް އަހަރު ވެދާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ޕެލޭ މިރެކޯޑު ހަދާފައިވަނީ ބްރެޒިލްގެ ސަންޓޯސްއަށް ކުޅުނު ދުވަސްވަރުއެވެ. ސަންޓޯސްގައި 19 ސީޒަން ހޭދަކޮށްފައިވާ ޕެލޭވަނީ އެކްލަބަށް 643 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެސީއަށް މިރެކޯޑު މުޤުރާލުމުގެ ފުރުޞަތު މިސީޒަންގައި ހުޅުވާލެވިފައިވާއިރު، މެސީއަށް ޕެލޭއަށްވުރެ ދެ ސީޒަން މަދުންކުޅެ މިރެކޯޑު މުޤުރާލުމުގެ ފުރުޞަތު އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއަލްސޮސިޑޭޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 01:00 ގައެވެ. ކެރިއަރުގައި މިހާތަނަށް 21 ފަހަރެއްގެ މަތިން ރެއަލްސޮސިޑޭޑާއި ދެކޮޅަށް މެސީ ކުޅެފައިވާއިރު، ޖުމްލަ 14 ލަނޑުވަނީ އެކްލަބާއި ދެކޮޅަށް ކާމިޔާބުކޮށްފައެވެ.

އުމުރުން 33 އަހަރުގެ މެސީ މިސީޒަންގެ ލަލީގާގައި މިހާތަނަށް ކާމިޔާބުކޮށްފައިވަނީ އެންމެ 5 ގޯލެވެ. އޭގެތެރެއިން ދެލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީއިންނެވެ.

13 މެޗުން ލިބުނު 26 ޕޮއިންޓާއެކު ރެއަލްސޮސިޑޭޑް އޮތީ ތާވަލްގެ އެއްވަނާގައެވެ. ބާސެލޯނާ ތާވަލްގެ 8 ވަނާގައި އޮތީ 11 މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ