ގއ. ދާންދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މިއެކްސިޑެންޓު ހިނގީ އެރަށު ބޭރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖާގެ ގައިގައި ޖެހިގެންނެވެ.
ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިސް މުޙައްމަދު ފެށުމަށް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުކަމަށާއި، އެކްސިޑެންޓެއްގައި ސީރިއަށް އަނިޔާތަކެއް ލިބިފައިވަނީ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށްކަމަށެވެ. އަދި އެކުއްޖާއަކީ އެރަށަށް އާޢިލާއާއެކު ޗުއްޓީ ހޭދަކޮށްލަން އައިސްއުޅޭ ރަށުން ބޭރު ކުއްޖެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ، އެކުއްޖާ ވަގުތުން އެއަތޮޅު ވިލިގިނގިލި ހޮސްޕިޓަލަށް ގެންދެވިފައިކަމަށާއި، ކުއްޖާގެ ހާލު ސީރިއަށްކަމަށް މަޢުލޫމާތު ލިބޭކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެތުއްތު ކުއްޖާ ނިސްބަތްވަނީ ފުވައްމުލަކަށެވެ.
ފުލުހުން ވިދާޅުވީ، ގއ. ދާންދޫގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯރޓެއް މިއަދު 18:10 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އުމުރުން 3 އަހަރުގެ ކުޑަ ކުއްޖެއްގެ ގައިގައި ޖެހި ހިނގި މިއެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް އެތުއްތު ކުއްޖާއަށް ލިބިފައިވާކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ، އެތުއްތު ކުއްޖާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާކަމަށެވެ.
އަދި މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް ގއ. ދާންދޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ގއ. ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ސައިކަލު ދުއްވި މީހާއަކީ ލައިސަންސް ނޯންނަ މީހެއްކަމަށާއި، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ.



