އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓޭންހާމްގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ލިބުނު މޮޅާއެކު ލިވަޕޫލް ތާވަލްގެ އެއްވަނައަށް އަރާފައިވަނީ 13 މެޗުން 28 ޕޮއިންޓާއެކުގައެވެ. ޓޮޓޭންހާމް ދެވަނާގައި އޮތީ 13 މެޗުން ހޯދި 25 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ލިވަޕޫލުންނެވެ. 26 ވަނަ މިނަޓްގައި ސަލާޙް ކާމިޔާބުކޮށްދިން މިލަނޑަކީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ޓޮޓޭންހާމްގެ ޑިފެންޑަރު ޑަޔާގެ ފައިގައި ޖެހި ގޯލްގެ މަތީ ކަނަށް އޮހުނު ލަނޑެކެވެ. މިއީ ސަލާޙުގެ ކެރިއަރުގައި ޓޮޓޭންހާމްއާއި ދެކޮޅަށް ޖެހި 8 ވަނަ ލަނޑެވެ.
Matchweek 13 has had a ???????????? impact on the top 6️⃣ pic.twitter.com/iFWot7uRaJ
— Premier League (@premierleague) December 16, 2020
އޭގެ ހަތްމިނަޓްފަހުން ޓޮޓޭންހާމްއިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 33 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ސޮން ކާމިޔާބުކޮށްދިނީ ކައުންޓަރ އެޓޭކެއްގައި ބޯޅައާއެކު އެކަނިމާއެކަނި އަރައެވެ. މިއީ މިސީޒަންގެ ޕްރިމިއާ ލީގު ސޮން ޓޮޓޭންހާމްއަށް ކާމިޔާބުކޮށްދިން 11 ވަނަ ލަނޑެވެ.
ލިވަޕޫލުން މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނަޓްގައި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދީފައިވަނީ ކޯނަރަކުން ރޮބާޓްސަން ހުރަސްކޮށްދިން ބޯޅައެއްގައި ބޮލުންނެވެ. މީގެއިތުރުން މެޗުގައި ޓޮޓޭންހާމްގެ ކީޕަރު ލޮރީސް ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިއީ މިސީޒަންގައި ޓޮޓޭންހާމް ބަލިވި ދެވަނަ މެޗެވެ. ޓޮޓޭންހާމް އެންމެ ފުރަތަމަ ބަލިވީ ސީޒަންގެ ފުރަތަމަ މެޗުގައެވެ. އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޓޮޓޭންހާމް ބަލިވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.



