ރޮނާލްޑޯގެ ޕެނަލްޓީ މިސްވެ، ޔުވެންޓަސް މެޗު އެއްވަރު

އިޓާލިއަން ސެރީއާގައި ރޭ ޔުވެންޓަސް އަދި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ޔުވެންޓަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގަން ރޮނާލްޑޯއަށް ހުސް ފުރުޞަތެއް ލިބުނުނަމަވެސް މޮރާޓާ ހުރަސްކޮށްދިން ބޯޅަ އޭރިއާތެރެއިން ރޮނާލްޑޯ ފޮނުވާލިއިރު އެބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ގޯލުގެ މާމަތިންނެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މޮރާޓޯ ބޯޅައާއެކު އޭރިއާތެރެއަށް ވަނުމަށްފަހު ހުހަށްހުރި ރޮނާލްޑޯއަށް ބޯޅަ ޕާސްކުރިނަމަވެސް، ޑިފެންޑަރު ޖިމްސިޓީވަނީ ހުށިޔާރުކަމާއެކު ޓެކްލްކޮށް ބޯޅަ ދިފާޢުކޮށްފައެވެ. އަދި އެބޯޅަ އޭރިއާތެރޭ ހުހަށްހުރި މޮރާޓާ ފުންނާބުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވާއިރު، 29 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ކިއޭސާއެވެ. ހިތްގައިމު މިލަނޑު ކިއޭސާ ކާމިޔާބުކޮށްފައިވަނީ އޭރިއާގެވެސް ބޭރުން ފޮނުވާލި ހަމަލާއެއްގައެވެ. އަދި މިއީ ސެރީއާގައި ޔުވެންޓަސްއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ލީޑު އިތުރަށް ފުޅާކުރަން މޮރާޓާއަށް ލިބުނު ފުރުޞަތުގައި ބޯޅައާއެކު އޭރިއާތެރެއަށް ވަދެ ގޯލްކުރިމަތިން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ގޮލީނީގެ މޫނަށެވެ.

އެޓަލާންޓާއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ރެމޯ ފްރޭލާއެވެ. މެޗުގެ 57 ވަނަ މިނަޓްގައި ފެނިގެންދިޔަ ހިތްގައިމު މިލަނޑަކީވެސް އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ނަތީޖާ ހަމަހަމަވެފައިވަނިކޮށް ކިއޭސާއަށް ހަޓެބޯކުރި ފައުލަކާއި ގުޅިގެން ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި މިހަމަލާ ކީޕަރުވަނީ ގޮލީނިީވަނީ ދިފާޢުކޮށްފައެވެ. އަދި މިޕެނަލްޓީގެ ފަހުންވެސް ޔުވެންޓަސްއިން އެޓަލާންޓާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް. މޮރާޓާ ފޮނުވާލި މިހަމަލާވެސް ކީޕަރު ގޮލީނީވަނީ ދިފާޢުކޮށްފައެވެ.

މިނަތީޖާއާއެކު ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ތިންވަނާގައެވެ. 28 ޕޮއިންޓާއެކު އޭސީ މިލާން އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް އިންޓަރމިލާންއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ