އަންނަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްޖީގެ ތަރި ނޭމާއަށް އެނބުރި ކުޅުމަށް އާދެވޭނެކަމަށް އެކްލަބުން ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ނޭމާއަށް އަނިޔާވެފައިވަނީ ފްރެންޗް ލީގު 1 ގައި ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ކުޅެވުނު އެމެޗުން 0-1 ގެ ނަތީޖާއަކުން ޕީއެސްޖީވަނީ ބަލިވެފައެވެ.
ޕީއެސްޖީއިން ނެރެފައިވާ ބަޔާނެއްގައި ބުނީ ނޭމާގެ ވައަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކްލަބުގެ ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހު އެނބުރި ނޭމާއަށް ކުޅުމަށް އާދެވޭނެކަމަށް ބުފައިވާއިރު، އަންނަ އަހަރުގެ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗަށް ނޭމާ އެއްކޮށް ފިޓުވާނެކަމުގެ އިޝާރާތެއްވެސް ޕީއެސްޖީއިންވަނީ ދީފައެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރާ މެޗެވެ. އެތަށް ގޮތަކުން ފޯރިގަދަ ވެެގެންދާނެ މިމެޗަކީ މީގެ ތިން އަހަރު ކުރިން ބާސެލޯނާއިން ޕީއެސްޖީ ކަޓުވާލި ކަޓުވާލުމުގެ ބަދަލު ހިފަން އެކްލަބަށް ލިބޭ ފުރުޞަތެކެވެ. 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އެ ފަހަރު ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވިނަމަވެސް، ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދާފައެވެ.
އެދުވަހު ބާސެލޯނާއަށް ކުޅުނު ނޭމާ މިފަހަރު ނުކުންނާނީ ޕީއެސްޖީގެ ދިފާޢުގައި ބާސެލޯނާއާއި ދެކޮޅަށެވެ.



