ޕެލޭގެ ރެކޯޑާއި މެސީ ހަމަކުރި މެޗުން ބާސެލޯނާއަށް ޕޮއިންޓެއް

ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރެކޯޑާއި ލިއޮނަލް މެސީ ހަމަކުރި މެޗު ޕޮއިންޓަކާއެކު ބާސެލޯނާއިން ނިންމާލަން ޖެހިއްޖެއެވެ.

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާއިން ކުޅުނު މިމެޗުގެ އެޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 29 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ޑިއަހަބީ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރުު ވަގުތުގައި މެސީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެސީ ފޮނުވާލި ޕެނަލްޓީއެއް ކީޕަރު ޑޮމެނެޗް ދިފާޢުކުރިނަމަވެސް ޖޯޑި އަލްބާ ހުރަސްކޮށްދިން ބޯޅަ ވެލެންސިއާ ކުޅުންތެރިޔެއްގެ ފައިގައި ޖެހި މަތިމަތިން ދިޔަ ބޯޅަ ގޯލްގެ ތެރެއަށް މެސީ ފޮނުވާލީ ބޮލުންނެވެ.

މިއީ ބާސެލޯނާއަށް ކާމިޔާބުކޮށްދިން 643 ވަނަ ލަނޑެވެ. މިއީ މީގެ ފަންސާހަކަށް އަހަރުކުރިން ބްރެޒިލްގެ ލެޖެންޑް ޕެލޭ އެޤައުމުގެ ސަންޓޯސްއަށް ކުޅުނު ދުވަސްވަރު ހަދާފައިވާ ރެކޯޑެކެވެ. މިލަނޑާއެކު އެއް ކްލަބަކަށް އެންމެ ގިނަ ޖެހި ކުޅުންތެރިންނަށް މެސީއާއި ޕެލޭ ވެގެން ގޮސްފައެވެ.

މެސީއަށް މިރެކޯޑު މުޤުރާލުމުގެ ފުރުޞަތު މިސީޒަންގައި ހުޅުވާލެވިފައިވާއިރު، މެސީއަށް ޕެލޭއަށްވުރެ ދެ ސީޒަން މަދުންކުޅެ މިރެކޯޑު މުޤުރާލުމުގެ ފުރުޞަތު އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ލީޑު ނެގީ ރޮނަލްޑް އަރައުހޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކުންނެވެ. ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނަޓްގައި ގޮމޭޒް ގޮންޒަލޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިނަތީޖާއާއެކު ބާސެލޯނާ ތާވަލްގެ ފަސްވަނާގައި އޮތީ 13 މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. އަދި ވެލެންސިއާ ތާވަލްގެ 12 ވަނާގައި އޮތީ 14 މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ