އާބާދީ ބޮޑު، ބިންކޮޅު ކުޑަ، މާލޭގައި ކުންޏާމެދު މީސްތަކުން ހޭލުންތެރި ވެފައިވާ މިންވަރު ކުޑަ ކަމީ ހިތާމަހުރި ކަމެކެވެ. ސައިކަލަށް އަރަން ބަލައިލިއިރު ވަށިގަނޑުގައި ކުނި ކޮތަޅެއް ނޫނީ ބޮއެ ހުސްކޮށްފައި އޮތް ދަޅެއް އޮއްވާ ފެނިދާނެއެވެ.
ސަރުކާރާއި ބައެއް ޖަމްޢިއްޔާ ޖަމާޢަތް ތަކުން މިފަދަ ކަންކަމާއިމެދު އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަށް ވަރަށް ގިނައިން ކުރިޔަށް ގެންދަވާއިރުވެސް މިކަންއެނގޭ ބަޔަކު ނެތޭ ހީވާކަހަލައެވެ. ޢާއްމުކޮށް އެންމެނެވެ. ޚާއްޞަގޮތެއްގައި ޒުވާން ފުރައިގެ ކުދިންނާއި ޅަޖީލުގެ މެދުގައި މިކަމަށް ދެވޭ ސަމާލުކަމެއް އެއް ގޮތަކަށްވެސް ނެތޭ ބުންޏަސް އެއީ ގޯހަކަށް ނުވާނެއެވެ. އަނގަފޫހި ފިލުވާލަން ކާލާ ޗުއިންގަމް އަނގަޔަށް ލުމަށްފަހު އޭގެ ބޭރުތޮޓަށް ވީގޮތް އެނގޭތޯ ސުވާލުކޮށްލިޔަސް އެޔަށްވީގޮތް ބުނެދޭން އެނގޭނެ ކުއްޖަކު/މީހަކު ހުންނާނެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އެއްލާލެވުނީތޯ އަހައިފިނަމަ، އެއްލައިނުލާ ކަމުގައިވެސް ބުނާނެވެ.
ކުނި އުފެދުމުގެ އެންމެ ބޮޑު އަޞްލަކީ އިންސާނުންނެވެ. އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުއްދަމުން އަންނަވަރަކަށް އެމީހުން ގެންދަނީ ކުނި އުފައްދަމުންނެވެ. އެމީހުން ބޭނުންކުރާ ތަކެތީގެ ރައްކަލަށްޓަކައި ލެވިފައިވާ ބޭރުގަނޑު ނުވަތަ އުރަ، ނުވަތަ އެފަދަ ތަކެތި އަޅާފައި ހުންނަ ފުޅި އާއި ދަޅު އެއްލާލުމުގެ ސަބަބުން ކުނި އުފެދެއެވެ. ކުނި އުފެދޭ އަނެއް ގޮތަކީ އިންސާނުން ބޭނުންކުރާތަކެތި ބޭނުންކޮށް ނިމުމަށްފަހު ކޮންމެވެސް އެއްޗެއް ނުވަތަ ބައެއް ބާކީ ވުމެވެ. މިދެގޮތަށް އެކަނި ބަލައިލި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެނގޭ ހަޤީޤަތަކީ މިއިން އެއްވެސް އެއްޗަކީ އޭގެ ފުރަތަމަ ޙާލަތުގައި ކުނި ނޫންކަމެވެ. އެހުރިހާ އެއްޗެއްވެސް ކުންޏަށް ހަދަނީ އިންސާނުނެވެ.
އެއްޗެއް ބަންދު ކުރަން ބޭނުން ކުރިއެއްޗަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެންމެ ފުރިހަމަ ރަނގަޅު އެއްޗެކެވެ. އޭގެ ފުރިހަމަކަމާއި ރަނގަޅުކަމުން އަޅުގަނޑުމެން ބޭނުންވެގެން ހޯދިއެތި އޭގެ ރައްކާތެރިކަމާއި ރަނގަޅު ފެންވަރުގައި އަޅުގަނޑުމެންނަނާއި ހަމައަށް ގެނެސްދީފިއެވެ. އެހެނަސް އެތެރޭގައި އޮތް އެތި ލިބުމާއެކު އޭގެ ބޭރު ތޮށިގަނޑު ނުވަތަ ފުޅި ނުވަދަ ދަޅު އެއީ އެއްވެސް އެއްޗަކަށް ނުވެއެވެ. ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނޯވެޔޭ ބުނާ ބީދައިނެވެ. ޙަޤީޤަތުގައިވެސް އެ އުރައިގެ، ފުޅީގެ ނުވަތަ ދަޅުގެ ބޭނުމެއް ނޯންވެދާނެއެވެ. އެހެނަސް އެފުޅިއަކީ މުޖުތަމަޢު ތެރެއަށް ގިނަވާން ދޫކޮށްލެވޭވަރަށްވުރެ އިޙްތިރާމު ދެވޭ އެއްޗެއްކަމުގައި ވާންއެބަޖެހެއެވެ. މި ހުރިހާ ދުވަހު އަޅުގަނޑުމެންގެ ކާނާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެދަޅު ނުވަތަ ފުޅި ނުވަދަ ޕެކެޓު އަދާކުރި ދައުރުގެ ޝަރަފަށްޓަކައިވެސް، އެންމެ ކުޑަމިނުން އެއެއްޗަށް އެންމެ ޙައްޤުވެގެންވާ ތަނުގައި އޭގެ ޖަނާޒާ ކުރުވަން އެބަޖެހޭނޫންތޯއެވެ. ކުނި ވަށިގަނޑުން އޭގެ ކައްވަޅު ކަށަވަރު ކޮށްނުދެވޭނަމަ، ދެން އެތަކެތި ދޫކޮށް ލެވެނީ ފައިވާންތަކު ދަށުވެ އެގޮތް މިގޮތްވާން، ޢާއްމު މަގުތައް މައްޗަށެވެ. އޭގެސަބަބުން ގެއްލުމާ ތުރާ ލިބެނީ ހަމަ އަޅުގަނޑުމެން އިންސާނުންނަށެވެ.
ކަންމިހެން އޮތްއިރު ކޮންމެ ކަމަކަށް ހޭލުންތެރިވާ ފަދައިން މިކަމާމެދުވެސް ހޭލުންތެރިވާން އެބަޖެހެއެވެ. ކުނި ނައްތާލަން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދޭން އެބަޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކުނީގެ ގޮތުގައި ދޫކޮށްލެވޭ އެތި ދިމާވި ކޮންމެ ތަނަކަށް ވައްޓާލުން ހުއްޓަން ވެއްޖެއެވެ. ކުނި އޮންނަންޖެހޭތަނަށް ނޫނީ ކުނިދޫކޮށްނުލުމަށް ކޮންމެ މީހަކު އަޒުމް ކަނޑައަޅަމާތޯއެވެ!




