މެންޗެސްޓާރ ތިންވަނަށް، ލެސްޓާއިން ޓޮޓޭންހާމް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލީޑްސްއަތުން މޮޅުވެ މެންޗެސްޓާރ ޔުނައިޓެޑުން ތާވަލްގެ ތިން ވަނައަށް އަރައިފިއެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗު ފަޞޭޙަކަމާއެކު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 6-2 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެށުނުތަނާހެން ފުލުފުލުގައި ޓޮމިނޭ ކާމިޔާބުކޮށްދިން ދެ ލަނޑުން ޔުނައިޓެޑުން މެޗުގެ ފެށުން ރަނގަޅުކޮށްފައިވާއިރު، މެޗުގެ 20 ވަނަ މިނަޓްގައި ފާނަންޑޭޒް އިތުރު ލަނޑެއްޖަހައި މެންޗެސްޓާރއަށް ލީޑު ފުޅާކޮށްދިނެވެ.

ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު މެޗުގެ 37 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، ލިންޑެލޯފް މިލަނޑު ޖަހާފައިވަނީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިއަމް ކޫޕަރވަނީ ލަނޑެއް ޖަހައި ލީޑްސްއަށް ހިތްވަރު އާކޮށްދީފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އަނެއްކާވެސް ޔުނައިޓެޑުން އިތުރު ލަނޑެއް ޖެހިއެވެ. 66 ވަނަ މިނަޓްގައި ޖޭމްސް ކާމިޔާބުކޮށްދިން މިލަނޑަށްފަހު ހަތަރު މިނަޓްފަހުން ޔުނައިޓެޑްގެ ހަވަނަ ލަނޑު ފާނަންޑޭޒް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އަކުންނެވެ.

އަދި އޭގެ ތިން މިނަޓްފަހުން ލީޑްސްއިން އިތުރު ލަނޑެއްޖަހާފައިވާއިރު، މިއީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއެއްގައި ސްޓުއާޓް ޑަލަސް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މިމޮޅާއެކު ޔުނައިޓެޑުން ތާވަލްގެ ތިން ވަނައަށް ޖެހިލާފައިވަނީ 13 މެޗުން ލިބުނު 26 ޕޮއިންޓާއެކުގައެވެ. އެއްވަނަ އަދި ދެވަނާގައި އޮތް ލެސްޓާއާއި ލިވަޕޫލް އިތުރަށް އެއް މެޗު ކުޅެފައިވާއިރު، ލިވަޕޫލް އެއްވަނާގައި އޮތީ 31 ޕޮއިންޓާއެކުގައެވެ. އަދި ދެވާނަގައި އޮތް ލެސްޓާއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

ލެސްޓާއިން ޓޮޓޭންހާމް ބަލިކޮށްފި

ޓޮޓޭންހާމްގައި ކުޅުނު މިމެޗު ލެސްޓާއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. ލެސްޓާގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ވާޑީ ކާމިޔާބުކޮށްދީފައިވާއރިު، ދެވަނަ ލަނޑަކީ ވާޑީ ބޮލުން ފޮނުވާލި ބޯޅައެއް ޓޮޓޭންހާމްގެ ޑިފެންޑަރު އަލްޑަވެއިރެލްޑްގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ.

ރޭގެ މެޗުން ދަށްވެ ޓޮޓޭންހާމްވަނީ ތާވަލްގެ ފަސް ވަނައަށް ވެއްޓިފައެވެ. 14 މެޗުން ޓޮޓޭންހާމްއަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ލެސްޓާ ތާވަލްގެ ދެވަނާގައި އޮތީ 14 މެޗުން ލިބުނު 27 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ