އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކުރާ ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، 25 ޑިސެމްބަރ 2020 ވަނަދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަމަށެވެ.
2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަހަރުގެ ތެރޭ އެކޯޕަރޭޝަނުން 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާރޝިއަލް ވިޔަފާރިތަކަށްކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެކޯޕަރޭޝަނުން ވަނީ ލޯނު ދޫކޮށްފައެވެ. މީގެތެރެއިން މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައްކަމުގައިވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެކޯޕަރޭޝަނުން ވަނީ މިއަހަރުތެރޭގައި ދުނިޔެއަށް ފެތުރިގެންދިޔަ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް ތަޢާރަފް ކުރެވި 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ދޫކޮށްފައެވެ.
މިލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެގެން ދިޔަކަމަށް ޤަބޫލުކުރެވޭކަމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އެކޯޕަރޭޝަނުން ވިދާޅުވީ އަމާޒަކީ އެ ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.



