އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން

ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފިއެވެ. ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ.

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވާ ބަދުރުއްދީން ހަސަނަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޭންކިންގގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެސްޑީއެފްސީގެ އައު އިދާރީ އޮނިގަނޑުގައި، ޗެއާމަންގެ މަގާމުގައި ހުންނެވީ ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ބޯޑުގެ ޑިރެކްޓަރަކަށް ފާތިމަތު ފަރީހަތު ވަހީދު ވަނީ އައްޔަންކޮށްފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުއެވެ.

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމުގެ މައިގަނޑު މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމެވެ. މީގެ އިތުރުން، އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީއިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައިކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ