އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އެސްޑީއެފްސީން މި މަސައްކަތް ފަށާފައިވަނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓް މެދުވެރިކޮށެވެ. އަދި ކުރިއަށް އޮތްތަނުގައި ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ އެހެނިހެން ކޮންޓްރެކްޓްތައްވެސް ތަޢާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޑީއެފްސީން މި ގެންނަ ބަދަލުގެ ދަށުން، އެ ކުންފުނިން ކުރިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި ލޯނަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ހިމެނެއެވެ.

އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، "މިއީ އެސްޑީއެފްސީގެ ތާރީޚުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ. މި ބަދަލާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ."

މި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމުމަށް ވަނީ ރޭވިފައެވެ. ކަސްޓަމަރުންނަށް މި ބަދަލުތަކާ ގުޅޭ މަޢުލޫމާތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އަދި ސީދާ ގުޅައިގެންވެސް ފޯރުކޮށްދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ